ޚަބަރު

ދެވަނަ ޓާމު ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕުރޮގުރާމް ފަށަން ތައްޔާރުވަނީ

މިއަހަރުގެ ދެވަނަ ޓާމުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ހިލޭ ދިނުމުގެ ޕްރޮގްރާމް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ގައުމީ މަންހަޖު މުރާޖާކުރުމަށް ބާއްވާ ސިމްޕޯޒިއަމް ފެށުމަށް ދަރުބާރުގޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތްތަކަށް މިހާރުގެ ސަރުކާރުން މުހިއްމު ބޮޅެއް އިތުރުކުރުމަށް ތައްޔާރުވަމުންދާކަމަށެވެ.

އެގޮތުން ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފަށާފައިވާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ހިލޭ ދިނުމުގެ ޕްރޮގްރާމް މިއަހަރުގެ 2 ވަނަ ޓާމުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ތަންފީޒުކުރެވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ މިހާރު ކުރަމުންދަނީ މި ޕްރޮގްރާމުގައި ހުރި މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ ޕްރޮގްރާމް އިތުރަށް ކުރިއަށްގެންދެވޭނެ ގޮތްތަކާ ގުޅޭ ދިރާސާތައް ކުރުމުގެ މަސައްކަތްކަމަށެވެ. އަދި މި ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ތަންފީޒުކުރަން ފެށުމުން އެކަމުގެ ހެޔޮ ބަދަލު ކުރިއަށް އޮތް 6 އަހަރުގެ ތެރޭގައި ފެނިގެންދާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ފްރޮގްރާމް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް ރާއްޖޭގައި 25 ސްކޫލެއްގައި ދަނީ ހިންގަމުންނެވެ. ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ޔުނިސެފްގެ އެހީއާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނާސްތާއަށް 10 މެނޫއެއްވެސް ތައްޔާރުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close