ހަފްތާއަކަށްވުރެ ގިނަދުވަހު ޗާޖު ހިފަހައްޓާނެ ފޯނެއް
ސްމާޓްފޯނު ގެންގުޅޭ ގިނަމީހުންގެ ޝަކުވާއަކީ އަވަސް އަވަހަށް ޗާޖުކުރަންޖެހުމެވެ. ޚާއްސަކޮށް ފޯނުން ގޭމްކުޅޭ މީހުންގެއެވެ. ޒަމާނަށް އަންނަ ބަދަލާއެކު ސްމާޓްފޯނުތައްވެސް ތަރައްޤީވެ ކުރިއަރަމުން އާދެއެވެ. އެއްބަޔަކަށްވުރެ އަނެއްބަޔަކު މޮޅު ފޯނުތައް ނެރެން މަސައްކަތްކުރެއެވެ. ފޯނުގެ ޑިސްޕްލޭ ބޮޑުކުރުމާ ކެމެރާ މޮޅުކުރުމާ ބެޓެރީގެ ކެޕޭސިޓީ ބޮޑުކުރުމަށް އިސްކަންދޭތަންފެނެއެވެ.
ގިނަވަގުތު ފޯނު ބޭނުންކުރާ ޒުވާނުންނަށް މީ އުފާވެރި ޚަބަރަކަށްވެދާނެއެވެ. “އެނަޖައިޒާ ޕީ18ކޭ ޕޮޕް” އަކީ ފޯނުގެ ބެޓެރީ ކެޕޭސިޓީގައި 18,000mAh ހިމެނޭ ފޯނެކެވެ. ނޯޗް ނުލައި ބެޒެލް ކުޑަކޮށްލާފައި ޑިސްޕްލޭގައި 6.2 އިންޗި ހިމަނާފައިވެއެވެ. ނޯޗް ދޫކޮށްލުމަށްޓަކައި ސެލްފީ ކެމެރާ ނުވަތަ ފޯނުގެ ކުރީމަތީ ކެމެރާ ސްލައިޑް ކޮށްލާގޮތަށް ހިމަނާފައިވެއެވެ. މިފޯނުގައި 6 ޖީބީ ރޭމްއަކާއި 128 ޖީބީގެ ސްޓޯރޭޖް ހިމެނެއެވެ. މިފޯނުގައި ޖުމްލަ 5 ކެމެރާ ހިމަނާފައިވެއެވެ. ކުރިމަތީގައި 16 މެގަޕިކްސެލްއާ 2 މެގަޕިކްސެލްގެ 2 ކެމެރާއާއި ފަހަތުގައި 12 މެގަޕިކްސެލް، 5 މެގަޕިކްސެލް އަދި 2 މެގަޕިކްސެލްގެ 3 ކެމެރާ ހިމަނާފައިއެވެ.
އާދައިގެ ޕަވަރބޭންކެއްގެ ކެޕޭސިޓީއާ އެއްވަރުގެ މި ފޯނު 90 ގަޑިއިރު ކޯލްކުރެވޭއިރު 100 ގަޑިއިރު ލަވަޖަހާލެވޭނެއެވެ. އަދި މެދުނުކެނޑި ވީޑިއޯ ބަލާނަމަ ދެދުވަސްވަންދެން ޗާޖް ހިފަހައްޓާނެއެވެ. ސްޓޭންޑްބައި މޯޑުގައި 50 ދުވަސްވަންދެން ޗާޖް ހިފަހައްޓާނެއެވެ. މިފޯނުގައި ހިމަނާފައިވަނީ ޔޫއެސްބީ ސީ ޕޯޓެވެ. މިފޯނުގައި ބޭނުންކުރާނީ އެންޑްރޮއިޑް އޯއެސްއެވެ.
ރަސްމީކޮށް އަދި މިފޯނު ނެރޭނެ ތާރީޚެއް ހާމަކޮށްފައިނުވެއެވެ. މިފޯނުގެ އަގުވެސް އެހާ ބޮޑު ނުވާނެކަމަށްވެއެވެ.


