މާކުރަތު ވައްކަމުގެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި
ރ.މާކުރަތު ކައުންސިލްގެ އިދާރާއާއި، އެރަށު ސިއްޙީ މަރުކަޒާއި މެޖިސްޓްރޭޓް ކޯޓު ފަޅާލައި ވައްކަން ކުރި މައްސަލާގައި ހަތަރު މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދެ މީހަކާއި 19 އަހަރުގެ މީހެއްގެ އިތުރުން 62 އަހަރުގެ މީހެއް ކަމަށެވެ.
މާކުރަތު ކައުންސިލުގެ ނާއިބް ރައީސް ހުސައިން އިމާދު އިއްޔެ ވިދާޅުވީ އެރަށު ކައުންސިލްގެ އިދާރާއާއި ސިއްޙީ މަރުކަޒާއި މެޖިސްޓްރޭޓް ކޯޓް ފަޅާލާފައިވާ ކަމަށާ އެހެންނަމަވެސް އެތަންތަނުން ފައިސާ ގެންދިޔަކަމުގެ ޞައްހަ މަޢުލޫމާތު އަދި ލިބިފައި ނުވާކަމަށެވެ.
މާކުރަތު ކައުންސިލް އިދާރާގެ ތިޖޫރީގައި ގިނަޢަދަދެއްގެ ފައިސާ އަބަދުވެސް ހުންނަކަމަށް އެރަށުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެތިން އިދާރާއަކީވެސް ޑިއުޓީ އުސޫލުން ސެކިއުރީ ބަލަހައްޓާ ތިން އިދާރާ ކަމަށް އިމާދު ވިދާޅުވިއެވެ. ނަމަވެސް ވައްކަން ކުރި ވަގުތު ސެކިއުރިޓީ ގާޑުންނަށް އެނގިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިމާދު ވިދާޅުވީ އެ ތިންތަންވެސް ފަޅާލާފައި ވަނީ އެ ތަންތަނުގެ ކުޑަދޮރު ހަލާކުކޮށްލައިގެން ކަމަށެވެ.
