ދީނާ ދެކޮޅު ޢަމަލުތައް ހުއްޓުވުމަށް ޚާއްޞަ ކޮމިޓީއެއް އުފައްދަވައިފި
މިހާރަކަށް އައި އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތަށް ދިވެހި މުޖުތަމަޢުގައި ފާޅުގައި ދެކެވެމުންދާ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ހައްލެއް ހޯދުމަށް ޚާއްޞަ ކޮމިޓީއެއް ރައީސުލް ޖުމްހޫރިއްޔާ އެކުލަވައިލައްވައިފިއެވެ.
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޚް މިއަދު އުފެއްދެވި
މި ކޮމެޓިގެ މައިގަނޑު މަސައްކަތަކީ، ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް މާތްވެގެންވާ އިސްލާމްދީނުގެ ޤަދަރާ ހައިބަތައް އުނިކަން އަންނަ ގޮތަށާއި ދީނުގެ ނަމުގައި މީހުންގެ މުދަލާއި، ފުރާނައަށް ގެއްލުން ލިބޭގޮތަށް މިހާރަކަށް އައިސް ދިވެހި މުޖުތަމަޢުގައި ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކާމެދު މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތަކާއި ދުރު މުސްތަޤްބަލެއްގައި މިފަދަކަންކަމަށް ހައްލުހޯދުމުގައި އަޅާނެ ފިޔަވަޅުތަކާމެދު ގޮތްތަކެއް ނިންމުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
– ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް
– މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ
– މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ
– މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން
– މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު
– މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް
– ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު
މި ކޮމިޓީގެ މަސައްކަތް ސޯޝަލް ކައުންސިލްގެ ދަށުން ހިންގުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
އިސްލާމް ދީނަށް އިހާނެތިކަން ރައްދުވާގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، ވާހަކަތައް ފަތުރަމުންދާއިރު، ފުލުހުންވެސް ދަނީ މިފަދަ ބައެއް މައްސަލަތައް ތަޙްޤީޤް ކުރަމުންނެވެ.

