ޚަބަރު

ގައިދީންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް މިހާރު ޢާއިލާއާ ބައްދަލު ކުރެވޭނެ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޖަލުތަކުގައި ދިބި ގައިދީންނަށް އެމީހުންގެޢާއިލާތަކާ ބައްދަލުކުރުމުގެ ޤަވާއިދަށް ބަދަލުގެނެސް ވީޑިއޯ ކޯލް މެދުވެރިކޮށް އެކަން ކުރެވޭނެ ނިޒާމެއް ޤާއިމް ކޮށްދީފިއެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބޭ މީހުންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލާއާ ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވަނީ އިއްޔެއިން ފެށިގެނެވެ.

ކަރެކްޝަންސް އިން ބުނީ ސްކައިޕް މެދުވެރިކޮށް ޢާއިލާއާ ބައްދަލު ކުރެވޭނެ ގޮތް ހަމަޖެއްސީ އެއްވެސް ސަބަބަކާ ހެދި ޢާއިލީ ބައްދަލުވުންތައް މެދުކަނޑާލިޔަސް، ޢާއިލާ މެންބަރުންނާ ބައްދަލު ކުރުމުގެ ފުރުޞަތު ދިނުމަށް ކަމަށާއި ވަކީލު ބައްދަލުވުންތައް މެދުކަނޑާލާ ޙާލަތްތަކުގައި ވެސް، ވީޑިއޯ ކޯލް ހަމަޖައްސައިދެވޭނެ ކަމަށެވެ.

ކަރެކްޝަންސް އިން ޢާންމުކޮށް، ޢަމަލުކުރަން ފެށި އުޞޫލުގައިވާ ގޮތުން ޢާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައިވާ ޙާލަތްތަކުގެ އިތުރުން ޢާއިލާގެ މީހަކަށް ޖަލަށް ނާދެވޭ ޙާލަތްތަކާއި ޢާއިލާ މީހަކު ބަލިވެގެން ނުވަތަ މަރުވެގެން ނުވަތަ އޭނާގެ އަނބިމީހާ ވިހެއުމުން އެތަނަށް ޤައިދީން ނުގެންދެވޭ ޙާލަތްތަކުގައި ވީޑިއޯ ކޯލްގެ ފުރުޞަތު ދޭނެއެވެ. އެ ފުރުޞަތު ދޭނީ އެކަމަށް ޚާއްޞަ ފޯމެއް ފުރިހަމަ ކުރުމަށް ފަހު ޢާއިލާ އިން ހުށަހެޅުމުން ކަމަށް އެ އުޞޫލުގައިވެއެވެ.

އެ އުޞޫލު ބުނާ ގޮތުން ޢާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައިވާ ޙާލަތްތަކުގައި 15 މިނެޓުގެ ވީޑިއޯ ކޯލް ކުރުމުގެ ފުރުޞަތު މަހަކު ދެ ފަހަރު ލިބޭނެއެވެ. އަދި ޢާއިިލީ ބައްދަލުވުންތައް މެދުކަނޑާ ނުލިޔަސް، ޢާންމު އުޞޫލުން އޮންނަ ޢާއިލީ ބައްދަލުވުމުގެ ބަދަލުގައި ވީޑިއޯ ކޯލްގެ ފުރުޞަތު ދެވިދާނެ އެކަމަކު އެ ޙާލަތުގައި ޢާއިލީ ބައްދަލުވުން އެ މަހަކު ދޭން ނުދޭނެއެވެ.

ވީޑިއޯ ކޯލްތަކުގައި ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހޭއިރު، އެކަންކަން ބެލުމަށް ކަރެކްޝަންގެ އޮފިސަރަކު ހުންނާނެ ކަމަށާއި، އެގޮތުން ވީޑިއޯ ކޯލަށް އެދޭ ފަރާތް ނޫން އެހެން ފަރާތްތަކުން އެ ކޯލްގައި ބައިވެރިވުމާއި އެ ކޯލް ރެކޯޑްކޮޮށް ނުވަތަ ސްކްރީން ޝޮޓް ނެގުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް ވެސް އުޞޫލުގައިވެއެވެ. އަދި އުޞޫލާ ޚިލާފްވެއްޖެނަމަ، އެ މީހަކަށް އެއް މަސް ދުވަހަށް އެ ފުރުޞަތެއް ނުދޭނެއެވެ.

ކަރެކްޝަންގެ ބެލުމުގެ ދަށުގައި ތިބެނީ ކުށް ސާބިތުވެގެން ޙުކުމް ތަންފީޒުކުރާ މީހުންނާއި ތަޙުޤީޤު ނިމުމަށް ފަހު، ޝަރީޢަތުގެ މަރުޙަލާގައި ބަންދު ކޮށްފައި ތިބޭ މީހުންނެވެ.

ކަރެކްޝަންސް އިން މިހެން ނިންމާފައިވާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުގެ ތެރެއިން ކުށްވެރިންގެ މުއްދަތު ޖެހުން ވީޑިއޯ ކޮންފަރެންސް ކޯލް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވެއެވެ. ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ މުއްދަތު ޖެހުން ކުރިއަށްދާނީ ކްރިމިނަލް ކޯޓާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު ކުރެވޭ ވީޑިއޯ ކޮންފަރެންސް ކޯލް މެދުވެރިކޮށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close