މުހިންމު ބިލުތަކެއްގެ މަސައްކަތަށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމާ ބާއްވަނީ

މުހިއްމު ތިން ބިލެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމާ ހެނދުނު 09:00 އަށް ތާވަލުކޮށްފިއެވެ.
މަޖިލިހުގެ އިދާރާއިން މައުލޫމާތުދެއްވި ގޮތުގައި މި ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮންނާނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މުހިންމު ތިން ބިލެއް ތައާރަފުކުރުމާއި އެ ބިލުތަކުގެ ބަހުސް ކުރިއަށް ގެންދިއުމެވެ.
މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ބިލުތަކުގެ ތެރޭގައި ހިމެނެނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލާއި، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. މި ބިލުތައް ހުށަހަޅުއްވަނީ މެންބަރު އިބްރާހިމް ފަލާހާއި، މެންބަރު އަހްމަދު އަޒާން މަރުޒޫގް އަދި މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ.
ބިލުތަކުގެ މަސައްކަތުގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ރައީސަކު އައްޔަނުކުރުމުގެ މައްސަލަވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. މި ޖަލްސާއަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާއެއްކަމަށް މަޖިލުހުގެ އިދާރާއިން ވިދާޅުވިއެވެ.
