ޗެއަރމަން ކަމުގެ މަޤާމުން ސާލިމް އިސްތިއުފާ ދެއްވައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖްލިސްގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމާފައިވާތީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ޗެއާރމަންކަމުގެ މަޤާމުން ހުސެއިން ސާލިމް އިސްތިއުފާދެއްވައިފިއެވެ.
ސާލިމް ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި ފުރަތަމަ ފަހަރަށް ވާދަކުރައްވަން ނިންމަވާފައިވާއިރު އޭނާ ނުކުންނަވާނީ ނ.ހޮޅުދޫ ދާއިރާއަށް ކަމަށްވަނީ އިޢުލާންކުރައްވާފައެވެ.
ސާލިމް ވިދާޅުވީ މަޖލީހުގެ އިންތިޚާބަށް ކުރިމަތިލާން ނިންމަވާފައިވާއިރު މިފަދަ މަޤާމެއްގައި ހުރުމަކީ އެކަށީގެންވާ ކަމަކަށް ނުވާތީ މަޤާމުން އިސްތިއުފާ ދޭން ނިންމެވީކަމަށެވެ.
އެސްޓީއޯގެ ޗެއާރމަންކަމަށް ހުސެއިން ސާލިމް އައްޔަންކުރައްވާފައިވަނީ 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައެވެ. އެސްޓީއޯގެ ޗެއާރމަންކަމުގެ އިތުރުން ހުސެއިން ސާލިމް ދަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖީނިއަރިންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު އަދާކުރައްވަމުންނެވެ.
ސާލިމް އަކީ މަޝްހޫރު ވިޔަފާރިވެރިޔާ ސަންޓްރެވަލް ސިޔާމްގެ އެއްބަނޑު އެއްބަފާ ބޭފުޅެކެވެ.

