ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވި ޢަދަދު އަނެއްކާވެސް ސަތޭކައިން މައްޗަށް

މި ދިޔަހަފްތާއާއި، މިހަފްތާގެ މިހާތަނަށް ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ ޢަދަދު ސަތޭކައިން ދަށުގައި ހިފެހެއްޓިފައި ހުރެފައި މިއަދު އަނެއްކާވެސް އެ ޢަދަދު ސަތޭކައިން މައްޗަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ 121 މީހުން މިއަދު ޕޮޒިޓިވްވެ، ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 9173 އަށް އަރައިފައި ވާކަމަށެވެ.

ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 121 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 102 މީހަކާއި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން ޕޮޒިޓިވިވްވި 19 މީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 121 މީހުންގެ ތެރެއިން 75 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 46 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 9173 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 271 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 7326 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 25 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 32 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1809 އަށް އަރާފައިވާއިރު، 1087 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 113 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތަކުގެ ރީޖަނަލް ކޯވިޑް ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންދާ މީހުންނަށް ބަލާއިރު، ށ. ފުނަދޫ ކޯވިޑް ފެސިލިޓީގައި 2 މީހަކަށާއި، ބ. އޭދަފުށީ ކޯވިޑް ފެސިލިޓީގައި އެކަކަށާއި، ގއ. ވިލިނގިލި ކޯވިޑް ފެސިލިޓީގައި 4 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މި އެންމެންނަށްވެސް ފަރުވާ ދެމުންދަނީ ވޯޑުގައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1301 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަކީ 130،356 އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close