ޢަރަފާތް ދުވަހުގެ މާތްކަމާއި ހެޔޮ ޢަމަލުތައް ގިނަކުރުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައިފި

ޢަރަފާތް ދުވަހުގެ މާތްކަމާއި ހެޔޮ ޢަމަލުތައް ގިނަކުރުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައިފިއެވެ.
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި، ވަކިން ހާއްސަކޮށް ޢަރަފާތް ދުވަހުގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ދުވަސްތަކުގައި ހެޔޮ ޢަމަލުތައް ގިނަކޮށް، ﷲގެ މަޣްފިރަތަށް އެދި ދުޢާކުރުމަށާއި، ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ހަމަތަކަށް ސަމާލުވުމަށް ވަނީ ބާރުއަޅުއްވާފައެވެ. މިއަދުގެ ޚުޠުބާގައި މުޅި މުޖުތަމަޢު އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރިވުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އަޅުކަންތައް އެންމެ މޮޅުއިތުރުވެގެންވާ ދުވަސްތަކެވެ. އަދި މި ދުވަސްތަކުގެ ތެރެއިން ޢަރަފާތް ދުވަހަކީ، ޙައްޖު ނުކުރާ މީހުން ރޯދަ ހިފުން ވަރަށް ބޮޑަށް އެދެވިގެންވާ ދުވަހެއްކަމަށާއި، އެ ދުވަހުގެ ރޯދައިން ފާއިތުވި އަހަރާއި އަންނަން އޮތް އަހަރުގެ ކުށްފާފަތައް ފުއްސަވާދެއްވާކަމަށް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާކަން ހަނދާންކޮށްދެއްވިއެވެ. މީގެ އިތުރުން، ޢަރަފާތް ދުވަހަކީ ﷲ ތަޢާލާ ގިނަ އަދަދެއްގެ އަޅުތަކުން ނަރަކައިން މުއްތިކުރައްވާ ދުވަހެއްކަމަށާއި، އެ ދުވަހު ކުރެވޭ އެންމެ ހެޔޮ ދުޢާއަކީ “لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ” ކަމުގައިވެސް ބަޔާންކުރެއްވިއެވެ.
އަޟްޙާ ޢީދު ދުވަހަކީ އުފާ ފާޅުކުރުމާއި، ކެއިންބުއިމާއި، ﷲ އަށް ޝުކުރުވެރިވުމުގެ ދުވަހެއްކަން ފާހަގަކުރައްވަމުން، ތަނަވަސްކަން ލިބިގެންވާ މީހުން އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެއްކަމުގައި ޚުޠުބާގައި ހަނދުމަކޮށްދެއްވިއެވެ. އަދި ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ހަމަތަކުގެ ތެރެއިން، އެކަކު އަނެކަކަށް ޒިޔާރަތްކޮށް، ތަހުނިޔާ ކިޔައި، ގުޅުންތައް ބަދަހިކުރުމަށްވެސް ނަސޭހަތްތެރިވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން، މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން ދަމަހައްޓައި، ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް ހެޔޮ ދުޢާ ކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ފަލަސްޠީނުގެ ނިކަމެތިވެފައިވާ މީހުންސްލިމުންނަށް ނަޞްރު ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ. މީގެ އިތުރުން، ވެރިންނަށް ހެޔޮ ވިސްނުން ދެއްވައި، ޤައުމަށް ތަރައްޤީއާއި ފާގަތިކަން މިންވަރުކުރެއްވުމަށްވެސް ދުޢާ ކުރެއްވިކަން ފާހަގަކޮށްލެވެއެވެ.


