ބަނގްލަދޭޝްގެ އާންމު އިންތިޚާބު، ޝައިޚް ހަސީނާގެ ޕާޓީން ކާމިޔާބު ކޮށްފި
ބަނގްލަދޭޝްގެ އާންމު އިންތިޚާބު ބޮޑުވަޒީރު ޝައިޚް ހަސީނާގެ އަވާމީ ލީގުން ކާމިޔާބު ކޮށްފިކަމަށް ވަގުތީ ނަތީޖާދައްކައިފިއެވެ.
އިންތިޚާބާގުޅޭ ޚަބަރުތައް ބުނާގޮތުން ވަގުތީނަތީޖާ އިން ވެރިކަންކުރާ އަވާމީ ލީގަށް ޕާލަމެންޓްގެ 170 ގޮނޑި ވަނީ ކަށަވަރުވެފައެވެ. ސަރުކާރެއް އެކުލަވާލަން ބޭނުންވަނީ 151 ގޮނޑިއެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން އިދިކޮޅު އިއްތިހާދަށް ކާމިޔާބު ކުރެވިފައިވަނި އެންމެ ހަގޮނޑިއެވެ.
އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި އިންތިޚާބުގެ ވޯޓްތައްވަނީ އޮޅުވާލައިފައެވެ. އިންތިޚާބުގެ ތެރޭގައި އިއްޔެވަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގާފައެވެ. ހަމަނުޖެހުންތަކާ ގުޅިގެން 17 މީހުން މަރުވެ އަދި އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ. އިދިކޮޅު އިއްތިހާދުންވަނީ އިންތިޚާބުން މިހާތަނަށް ހާމަވެފައިވާ ވަގުތީ ނަތީޖާ ގަބޫލުކުރަންވެސް ދެކޮޅު ހަދާފައެވެ.
ބަނގްލަދޭޝް ޕާލަމެންޓްގައި ތަމްސީލުކުރާ 300 ދާއިރާގެ ތެރެއިން 299 ދާއިރާއަށް މިއަދުގެ އިންތިޚާބުގައި 1،861 ކެންޑިޑޭޓުން ވާދަކުރައްވަން ހަމަޖެހިފައި އޮތްނަމަވެސް، ވޯޓްލާން ފެށުމާއެކު އިދިކޮޅު 40 ކެންޑިޑޭޓުންވަނީ އިންތިޚާބުން ވަކިވެފައެވެ. އެ ކެންޑިޑޭޓުން އިންތިޚާބުން ވަކިވީ ސަރުކާރުން ވޯޓް އޮޅުވާލާނެކަން ގައިމުވުމުން ކަމަށް ވެއެވެ.
މި އިންތިޚާބުން މިހާތަނަށް ހާމަކޮށްފައިވާ ވަގުތީ ނަތީޖާގެ ސަބަބުން މިހާރުގެ ބޮޑުވަޒީރު، އުމުރުފުޅުން 71 އަހަރުގެ ޝައިޚް ހަސީނާއަށް ވެރިކަމުގެ ހަތަރުވަނަ ދައުރު ކަށަވަރުވެގެންދާނެއެވެ.
ހަސީނާގެ ވެރިކަމުގައި ބަނގްލަދޭޝްގެ ޖީޑީޕީމަތިވެ، އެކްސްޕޯޓް ފުޅާވި ނަމަވެސް، އެކަމަނާގެ ވެރިކަމާ ދެކޮޅު ފަރާތްތަކުން ވެރިކަން ސިފަކުރަނީ ގޮށްމުށުގެ ވެރިކަމެއްގެ ގޮތުގައެވެ. ޚާއްސަކޮށް އިދިކޮޅު ފަރާތްތަކުގެ ބާރު ކަނޑުވާލާފައިވާ ވެރިކަމެއްގެ ގޮތުގައެވެ.





މަރުޙަބާ ހަސީނާ