ބޭރުދުނިޔެ

މެއި މަހުގެ ތެރޭގައި ޔަހޫދީ ވަޒަންވެރިން 23 ފަހަރަކު މަސްޖިދުލް އަޤްޞާއަށް ވަދެގަތް

ފަލަސްޠީނުގެ މިނިސްޓްރީ އޮފް އައުޤާފް އެންޑް ރިލިޖަސް އެފެއާޒުން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ވަޒަންވެރިން ވަނީ ނިމިދިޔަ މެއި މަހުގެ ތެރޭގައި 23 ފަހަރަކު، އިސްތިއުމާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުންނަ މަސްޖިދުލް އަޤްޞާއަށް ވަދެގަނެ، އެ މިސްކިތުގެ ހުރުމަތް ކަނޑާލާފައެވެ.

އިސްރާއީލުގެ ބާރުގެ ދަށުގައި އޮންނަ “މޮރޮކަން ގޭޓް” (ބާބުލް މަޣާރިބާ) މެދުވެރިކޮށް އެތައް ހާސް ވަޒަންވެރިންނެއް މިސްކިތުގެ ގޯތިތެރެއަށް ވަދެފައިވާއިރު، އެ ވަގުތުތަކުގައި ފަލަސްޠީނުގެ މުސްލިމުން މިސްކިތަށް ވަނުން މަނާކޮށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ފަލަސްޠީނުގެ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެންމެ ގިނަ އަދަދެއްގެ ބަޔަކު މިސްކިތަށް ވަދެގަނެފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހުއެވެ. އެ ދުވަހު އިސްރާއީލުގެ ވަޒީރުންނާއި، ކްނެސެޓް (ޕާލަމަންޓް) ގެ މެންބަރުންނާއި، ހަރުކަށި ފިކުރުގެ އެކްޓިވިސްޓުން ހިމެނޭހެން 1,400 އަށްވުރެ ގިނަ މީހުން މަސްޖިދުލް އަޤްޞާގެ ހުރުމަތް ކަނޑާލައި އެތަނަށް ވަދެގަތެވެ.

ފަލަސްޠީނުގެ ކަމާބެހޭ މިނިސްޓްރީން ވަނީ މަސްޖިދުލް އަޤްޞާގެ ގޯތިތެރޭގައި ޔަހޫދީން އަދާކުރާ ދީނީ ކަންކަން އިތުރުވަމުންދާތީ އެކަމުގެ އިންޒާރު ދީފައެވެ. މީގެ ތެރޭގައި ފާޅުގައި އަޅުކަން ކުރުމާއި، ބިމަށް ގުދުވުމާއި، ލަވަކިޔާ ނެށުމުގެ އިތުރުން އިސްރާއީލުގެ ދިދަ އުފުލުން ފަދަ އަމަލުތައް ހިމެނެއެވެ.

އިސްލާމްދީނުގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާ ކަމުގައިވާ މަސްޖިދުލް އަޤްޞާއަކީ، 1967 ވަނަ އަހަރުގެ ޖޫން މަހު އިރުމަތީ ގުދުސް އިސްރާއީލުން ހިފީއްސުރެ، މިފަދަ ހަމަލާތަކާއި މުސްލިމުންނަށް ކުރިމަތިކުރާ ހުރަސްތަކުގެ ސަބަބުން އަބަދުވެސް ނުތަނަވަސްކަން އުފެދިފައިވާ ތަނެކެވެ. މި މިސްކިތް ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އޮންނަނީ އުރުދުންގެ މިނިސްޓްރީ އޮފް އަައުޤާފްގެ ދަށުގައެވެ.

“ޓެމްޕަލް މައުންޓް” ގެ ނަމުން އެ ސަރަހައްދަށް ނިސްބަތްކުރާ ޔަހޫދީން ބޭނުންވަނީ އެތަނުގައި ވަކި ވަގުތުތަކެއްގައި ޔަހޫދީ އަޅުކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ. އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާ ބެން-ގްވީރު ފަދަ ހަރުކަށި އިސް މަސްއޫލުވެރިން ގެންދަވަނީ ފާޅުގައި މި ރޭވުންތަކަށް ތާއީދުކުރައްވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close