ބޭރުދުނިޔެ

އެމެރިކާއާއި ރަޝިޔާއިން ވާ އެއްބަސްވުމެއް ގަބޫލެއް ނުކުރާނަން: ޒެލެންސްކީ

ޔުކްރެއިނާއި ބެހޭ ގޮތުން އެމެރިކާއާއި ރަޝިޔާ އާ ދެމެދު ވެވޭ އެއްވެސް އެއްބަސްވުމެއް ބަލައިނުގަންނާނެ ކަމަށް ޔުކްރެއިނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

އެން.ބީ.ސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޒެލެންސްކީ ވިދާޅުވީ ޔުކްރެއިނުގެ ކަންކަމުގައި އެ ޤައުމުގެ ބައިވެރިވުން ނެތި ދުނިޔޭގެ އެއްވެސް ލީޑަރަކަށް ނިންމުމެއް ނުނިންމޭނެ ކަމަށެވެ.

“މިއީ ޔުކްރެއިނުގައި އަޅުގަނޑުމެންނާ ދެކޮޅަށް ހިންގާ ހަނގުރާމައެއް. މިއީ އަޅުގަނޑުމެންގެ އިންސާނީ ގެއްލުންތައް. އަޅުގަނޑުމެންގެ ރައްޔިތުން، ބޮޑެތި މީހުންނާއި ކުޑަކުދިންނާއި އެންމެން މިކަމުގައި ހިމެނޭ،” ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.
އެމެރިކާގެ ދެ ޕާޓީގެ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުވެރިވާ ކަމަށް ވިދާޅުވެ، އެހެންނަމަވެސް ޔުކްރެއިނުގެ ބައިވެރިވުމެއް ނެތި ޕުޓިންއާއެކު އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ލީޑަރެއް ދުނިޔޭގައި ނެތް ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.

އެމެރިކާއަކީ ޔުކްރެއިނުގެ އެންމެ ބޮޑު ސްޓްރެޓެޖިކް ޕާޓްނަރު ކަމަށް ފާހަގަކުރައްވައި، އެމެރިކާގެ ރައީސް ޓްރަމްޕާއެކު ޔުކްރެއިނުގެ ޕްލޭން ހިއްސާކުރުމަށް ތައްޔާރަށް ތިބި ކަމަށްވެސް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.

މީގެ އިތުރުން، ޔުކްރެއިނަށް ޔޫރަޕުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، މޭޒުދޮށުގައި އެމެރިކާ، ޔޫރަޕް، ޔުކްރެއިން އަދި ރަޝިޔާ ހިމެނެންވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޔުކްރެއިނާއި ރަޝިޔާ އާ ދެމެދު ހިނގަމުންދާ ހަނގުރާމައަކީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށުނު، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގައި ހިނގާ އެންމެ ބޮޑު ހަނގުރާމައެވެ. މި ހަނގުރާމައިގެ ސަބަބުން ގިނަ އަދަދެއްގެ މަދަނީ ރައްޔިތުން މަރުވެ، ލައްކައަކަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ފިލާފައިވެއެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ހަނގުރާމަ ކުށްވެރިކޮށް، ރަޝިޔާގެ މައްޗަށް އިޤްތިޞާދީ ފިޔަވަޅުތައް އަޅާފައިވާއިރު، އެމެރިކާ އާއި ޔޫރަޕުގެ ގައުމުތަކުން ޔުކްރެއިނަށް ސަލާމަތީ އަދި އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.

މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދުނިޔޭގެ އެކި ފަރާތްތަކުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އަދިވެސް ހައްލެއް ލިބިފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close