ބޭރުދުނިޔެ

2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމަކަށް ސައޫދީ ކަނޑައަޅައިފި

2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވާ ޤައުމަކަށް ސައުދީ އަރަބިއްޔާ ހޮވިއްޖެއެވެ.

ބުދަ ދުވަހު ބޭއްވުނު އެކްސްޓްރާއޯޑިނަރީ ފީފާ ކޮންގްރެސްގައި، 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާނެ ޤައުމެއްގެ ގޮތުގައި ސައުދީ އަރަބިއްޔާ ރަސްމީކޮށް ހޮވިފައިވާއިރު މި ނިންމުން އިއުލާނުކުރެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ.

މި ބައްދަލުވުމުގައި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނެ ޤައުމުތަކެއްގެ ގޮތުގައި މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލް ވެސް ވަނީ ކަނޑައަޅައިފައެވެ. 2030 އަދި 2034 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ހުށަހެޅިފައިވަނީ އެންމެ ބިޑެކެވެ. އަދި މި ދެ ބިޑު ވެސް ފާސްކުރެވިފައިވަނީ އެއްބަސްވުމަކުންނެވެ.

2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ބައްރެއްގައި، ޖުމްލަ 6 ޤައުމެއްގައެވެ. މީގެ ތެރޭގައި ހިމެނެނީ މޮރޮކޯ، ސްޕެއިން، ޕޯޗުގަލް، އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭއެވެ. އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގައި ބާއްވާނީ ވޯލްޑް ކަޕްގެ 100 އަހަރުގެ ޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ މެޗުތަކެވެ.
ސައުދީ އަރަބިއްޔާއަކީ 2022 ވަނަ އަހަރު ޤަޠަރުގައި ބޭއްވުނު ވޯލްޑް ކަޕަށްފަހު، މެދުއިރުމަތީގައި ވޯލްޑް ކަޕް ބާއްވާ ދެވަނަ ޤައުމެވެ. 2034 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ އެއް ޤައުމެއްގައި ބާއްވާ 48 ޓީމު ބައިވެރިވާ ފުރަތަމަ މުބާރާތް ވެސް މެއެވެ.
މި މުބާރާތުގެ މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާގެ 5 ސިޓީއެއްގައި ހުންނަ 15 ސްޓޭޑިއަމެއްގައެވެ. އެއީ ރިޔާދު، ޖިއްދާ، އަލް ޚޮބާރު، އަބްހާ އަދި ނިއޯމްއެވެ.

މުބާރާތުގެ ފެށުމުގެ އަދި ފައިނަލް މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ ރިޔާދުގައި އިމާރާތްކުރާ 92,000 މީހުންގެ ޖާގައިގެ ކިންގް ސަލްމާން ސްޓޭޑިއަމްގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close