އަގްސާ މިސްކިތުގެ ގޯތިތެރެއަށް ޔަހޫދީން ވަދެގަތް މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި

އިޒްރޭލުގެ އަސްކަރިއްޔާގެ ފުރިހަމަ ބާރާއި ހިމާޔަތް ލިބިގެން، އެގައުމުގެ ހައްދުފަހަނައަޅާފައިވާ ވަޒަންވެރިން މުސްލިމުންގެ މުގައްދަސް އަލްއަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަނެ، އެތަނުގައި އިޒްރޭލުގެ ދިދަ އުފުލި ހަރުކަށި އަމަލު ދިވެހި ސަރުކާރުން އެންމެ ފުރިހަމަ އިބާރާތުން ކުށްވެރިކޮށްފިއެވެ.
ރާއްޖޭގެ ޚާރިޖީ ވުޒާރާއިން މިކަމާ ގުޅިގެން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުގެ ސިފައިން ފަހަތުގައި ތިބެގެން ޔަހޫދީން ހިންގަމުންދާ މިފަދަ އަމަލުތަކަކީ އަދި މުސްލިމުން މިސްކިތަށް ވަދެ އަޅުކަން ކުރުމަށް ހުރަސްއެޅުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ.
ދިވެހި ސަރުކާރުން ބަޔާންކުރި ގޮތުގައި، އަގްސާ މިސްކިތުގެ ތެރޭގައި ޔަހޫދީން ހިންގަމުންދާ މި ޖަރީމާތަކަކީ އެތަނުގެ މުގައްދަސްކަމާއި، ތާރީޚީ އަދި ދީނީ ގޮތުން އެ މިސްކިތަށް ދެވިފައިވާ މަތިވެރި މަގާމަށް އުނިކަންދީ، އެ ސަރަހައްދުގެ މަސްލަހަތު ގަސްދުގައި ނަގާލުމަށްޓަކައި ރާވައިގެން ހިންގާ ހީލަތްތެރި އަމަލުތަކެކެވެ. އިސްލާމީ އުންމަތުގެ އެންމެ ހުރުމަތްތެރިވެގެންވާ އެއް ބިނާގައި އިޒްރޭލުން ހިންގަމުންދާ އިންސާނީ ހައްގުތަކާ ޚިލާފު ބޮޑެތި އަމަލުތައް ވަގުތުން ހުއްޓުވައި، އެކަންކަން ކުރާ ފަރާތްތައް ޒިންމާދާރުކުރުވުމަށްޓަކައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކުގެ ދިފާއުގައި ވަކާލާތު ކުރުމާއި، އިސްލާމީ މުގައްދަސް ބިނާތައް ހިމާޔަތްކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް ސަރުކާރުގެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.


