ޚަބަރު

އަދަދު ނޫސް ރެއިޑްކުރުމަކީ ރައީސްގެ އަބުރު ރައްކާތެރިކުރުމަށް ކުރި ކަމެއް: މިނިސްޓަރު އިޙްސާން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ގުޅުވައި “އަދަދު” ނޫހުން ދޮގު ތުހުމަތުތަކެއް ފަތުރާފައިވާ މައްސަލައިގައި ފުލުހުން އެ ނޫހުގެ އޮފީސް ރެއިޑްކުރުމަކީ ޤާނޫނީ ގޮތުން ފުލުހުންނަށް ލިބިގެންވާ ހައްޤެއް ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން އޮތް ނަމަވެސް، ދޮގު ހަދައި މީހުންގެ އަބުރު ކަތިލުމުގެ މިނިވަންކަން ނޯންނާނެ ކަމަށާއި، ރައީސަށް ކުރި “ޒިނޭ” ގެ ތުހުމަތަކީ އެމަނިކުފާނުގެ ކަރާމަތަށާއި އާއިލާއަށް ދިން ސީދާ ހަމަލާއެއް ކަމަށެވެ.

ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ރިއާޔަތްކުރައްވައި މިނިސްޓަރު ވިދާޅުވީ، ކޮންމެ މީހަކަށްވެސް އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްޤު ލިބިގެންވާ ކަމަށާއި ފުލުހުން ނަގަހައްޓަނީ އެ ހައްޤުތައް ކަމަށެވެ. ފުލުހުން ނޫސްވެރިންނަށް ހަމަލާ ނުދޭކަން ފާހަގަކުރައްވައި، އިޙްސާން ވިދާޅުވީ މިއީ “ގަޒުފު” ފަދަ ޖިނާއީ ކުށްތައް ތަހުގީގުކޮށް، ޒިންމާދާރު ނޫސްވެރިކަން ކަށަވަރުކުރުމަށް ހިންގާ ތަހުގީގެއް ކަމަށެވެ. އެއްވެސް މީޑިއާއަކީ ޤާނޫނަށްވުރެ މަތީގައި އޮންނަންޖެހޭ ތަނެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގަށް ރޭގެ ވަގުތެއްގައި “އަދަދު” ނޫހުގެ އޮފީހުން ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުން ގެންގޮސްފައިވާއިރު، އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަސާސެއް ނެތް މިފަދަ ވާހަކަތަކުގެ ސަބަބުން މުޖުތަމައު ބައިބައިވެ، އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ލިބުމުގެ ފުރުސަތު އޮތުމުން، މިފަދަ މައްސަލަތައް ތަހުގީގުކުރުމުގެ ޤާބިލުކަން އިދާރާތަކުގައި ހުންނަންޖެހޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close