ހަކަތަ ކާރުހާނާތަކަށް ދޭ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މެދުއިރުމަތީގައި އިޒްރޭލާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި، އެކި ސަރަހައްދުތަކުގައި ހުންނަ ގޭހާއި ތެޔޮ އުފައްދާ ކާރުހާނާތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން މިއަދު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި، އިޒްރޭލުން އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑަށް ދިން ހަމަލާތަކާއި، އީރާނުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު އަދި ކުވެއިތުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދެމުންދާ ހަމަލާތައް ވަނީ ކުށްވެރިކޮށްފައެވެ.
ސަރުކާރުން ބުނި ގޮތުގައި މިފަދަ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު، އަދި ސަރަހައްދީ ހަމަޖެހުމާއި ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެކެވެ. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލެމުންދާކަން ފާހަގަކޮށް، މިއީ މުޅި ދުނިޔޭގެ އިގްތިސާދަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ރާއްޖެއިން ބުނެފައިވެއެވެ.
މި ނާޒުކު ދަނޑިވަޅުގައި ހުރިހާ ފަރާތްތަކުންވެސް ހާރިޖީ ގުޅުންތަކުގެ ބޭނުން ހިފައި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި މެދުއިރުމަތީގައި ސުލްހަމަސަލަސްކަމާއި ސަރަހައްދީ ހަމަޖެހުން ގާއިމްކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން މުހިއްމު ކަމެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

