ޚަބަރު

ސަރުކާރުގެ ރޯދަ ހަދިޔާ: މާލެ ސަރަހައްދުގައި 12،000އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި

ސަރުކާރުން މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވާ މަސްދަޅު ކޭހުގެ ތެރެއިން މިހާތަނަށް 12,274 ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މާލެ ސަރަޙައްދުގައި ރަޖިސްޓްރީކޮށްފައިވާ 65,230 ޑޮމެސްޓިކް ކަރަންޓް މީޓަރަށް އަމާޒުކޮށް މި މަސައްކަތް މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ކުރިއަށްދާއިރު، އަތޮޅުތަކަށްވެސް މި ހަދިޔާ ފޯރުކޮށްދިނުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

ސިޓީތަކާބެހޭ ވުޒާރާއިން ދެއްވި މަޢުލޫމާތުތަކަށް ބަލާއިރު، މާލެ ސަރަޙައްދުގައި ރަޖިސްޓްރީކޮށްފައިވާ ޑޮމެސްޓިކް ކަރަންޓް މީޓަރުތަކުގެ ތެރެއިން މިހާތަނަށް 12,274 ގޭބިސީއަށް މަސްދަޅު ކޭސް ހަދިޔާކޮށް ނިމިފައިވެއެވެ. މިއީ، މާލެ ސަރަޙައްދުގައި ބަހަންޖެހޭ ޖުމްލަ މަސްދަޅު ކޭހުގެ %18.8 ކަމަށް ވުޒާރާއިން ވިދާޅުވިއެވެ. ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު ޖުމްލަ 118,673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރަން ވަނީ ސަރުކާރުން ނިންމާފައެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށްޓަކައި ޖުމްލަ 15 ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. މިތަންތަނުން މަސްދަޅު ކޭސް ދޫކުރަނީ ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގުމަށްފަހުއެވެ. މާލެއިން މަސްދަޅު ކޭސް ބަހާނެ ތަންތަން ކަމުގައި މިފްކޯ މަރުކަޒާއި، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލު، ހެންވޭރު ބޯޅަދަނޑު، އަދި ގަލޮޅު ދަނޑު ހިމެނެއެވެ.

ހުޅުމާލެ ފޭސް 1 ގައި މަސްދަޅު ކޭސް ބަހާނީ ޢުމަރު ޒާހިރު ބިލްޑިން، ޕޮލްކޯ ޓަވަރ އަދި މުޙައްމަދު ޤާސިމް ޕްރީ ސްކޫލުންނެވެ. ހުޅުމާލެ ފޭސް 2 އަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ކާމިލު ދީދީ ސްކޫލް، ހިޔާ ޓަވަރު 10 އަދި އެމްޕީއެލް ޓަވަރު ޕީ ހިމެނެއެވެ. ވިލިމާލޭގެ ރައްޔިތުންނަށް މަސްދަޅު ކޭސް ލިބިގެންދާނީ ވެމްކޯ ސައިޓުންނެވެ.

އަތޮޅުތަކުގައި މަސްދަޅު ކޭސް ބެހުމަށް މިހާރު ދަނީ ތައްޔާރުވަމުން ކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެސްޓީއޯއިން މަސްދަޅު ކޭސްތައް އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މަސްދަޅު ކޭސް ބެހުމަށް ފަހިވާ ގޮތަށް އެކި ސަރަޙައްދުތަކުގައި ގުދަން ކުރެވޭނެ އިންތިޒާމްތައް މިހާރުވެސް ހަމަޖެހިފައިވެއެވެ. ރަށްތަކުގައި މި މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close