ޚަބަރު

މި ސަރުކާރު ވެރިކަމަށް އައިއިރު ލާމަރުކަޒީ ނިޒާމު އޮތީ ގަޑުބަޑު ކޮށްފައި – ރައީސް

މި ސަރުކާރު ވެރިކަމަށް އައިއިރު ލާމަރުކަޒީ ނިޒާމު އޮތީ، ކައުންސިލްތަކަށް މާބޮޑު ބާރުތަކެއް އިޚްތިޔާރުތަކެއް ނެތި، މުޅިން ގަޑުބަޑުކޮށްފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ “ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް” ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމަށް މިސަރުކާރުން ގެނައި އިޞްލާޙުތަކާއެކު، ކައުންސިލުތަކަށް، ރަށާއި އަތޮޅާއި ސިޓީތަކުގެ ތަރައްޤީއަށް މަސައްކަތްކުރުމަށް ލިބިގެންދިޔަ ބާރާއި ފަހިވެފައިވާ ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ކައުންސިލުތަކުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ލާމަރުކަޒީ އުޞޫލުން ޚިދުމަތްތައް ދިނުމުގެ މަސައްކަތް ކުރާއިރު ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި، އެހީތެރިކަން މި ސަރުކާރުން ފޯރުކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި އެކަމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބެންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޙަޤީޤީ ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ބާރުވެރިވެގެން ދިޔައީ، ލާމަރުކަޒީ ޤާނޫނަށް 2019ވަނަ އަހަރު މިސަރުކާރުން ހުށަހެޅި އިސްލާޙްތަކާ ގުޅިގެންކަން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބަދަލުތަކާއެކު ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިންތިޚާބުކުރެވޭ މަޤާމުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެން ދިއުމާއި، އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރެވުމާއެކު، ޤައުމީ ފެންވަރުގައި އެކަންކަމަށް ދެވޭ އަހައްމިއްޔަތުކަން އިތުރުވެގެންދިއުންފަދަ މުހިންމު ބަދަލުތަކެއް އަންނާނެކަންވެސް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްޞަގޮތެއްގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޞިއްހީ ދާއިރާގެ ޚިދުމަތްތައް ލާމަރުކަޒީކުރުމުގައި ސަރުކާރުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން ކޯވިޑްގެ ދަތިކަމުގައި ހޭދަވި އަހަރަކަށް ވުރެ ގިނަ ދުވަހުތެރޭގައި، ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލް ޢުމްރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން ތަރައްޤީކުރެވި އެތަންތަނުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ކޮންފަރެންސަކީ ލޯކަލް ޤަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ) އާއި ލޯކަލް ކައުންސިލްތަކާއި، ޔޫ.އެސް އެއިޑް އަދި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް ގުޅިގެން ކުރިޔަށްގެންދާ ކޮންފަރެންސްއެކެވެ.

އެއް ކޮމެންޓް

  1. ދައުރުނިމޭއިރުވެސް ތިނޫން ވާއްހަކައެއް ނުދައްކާ ރައްޔިތުންނައް ކަމެއް ކޮށްދެވޭތޯބަލާބަލަ އާނފަހެ ބޮޑުވެއްޖެ ކަމެކޭ..

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close