ޚަބަރު

ރުއްތަކަށް ޖެހިފައިވާ ހުދުކޫޑީގެ ނުރައްކަލުން ސަލާމަތްކުރުމަށް ރަށްރަށުގެ ކައުންސިލްތަކަށް ފެންވަރު ރަނގަޅު ޕެސްޓިސައިޑް ދޫކުރަން ފަށައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރުއްތަކުގައި ހުދުކޫޑި އަޅައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމުގެ ޝަކުވާތައް އިތުރުވުމާ ގުޅިގެން، އެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރަށްރަށުގެ ކައުންސިލްތަކަށް ޚާއްޞަ ބޭސް ހަވާލުކުރުމުގެ މަސައްކަތް އެގްރިކަލްޗާ މިނިސްޓްރީން އަމަލީގޮތުން ފަށައިފިއެވެ.

މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މި ޕްރޮގްރާމުގައި ބޭނުންކުރަނީ ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްދާ “މޯލްޑިވްސް ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް” ގެ ދަށުން ގެނެސްފައިވާ “ޔޭޖިއާޗިންގް” (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ޕެސްޓިސައިޑެވެ. މިއީ ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ކުރި ޚާއްޞަ ތަޖުރިބާތަކުން ހުދުކޫޑި ނައްތާލުމަށް ނުހަނު ކާމިޔާބު ބޭހެއްކަން ސާބިތުވެފައިވާ އުފެއްދުމެކެވެ.

މި އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޮންމެ ރަށެއްގައިވެސް ހުރި ރުއްތަކުގެ ނިސްބަތަށް ބަލައި ބޭސް ޕެކެޓްތައް ބަހަން ނިންމާފައިވާއިރު، އެންމެ ފުރަތަމަ މި ބޭސް ހަވާލުކޮށްފައިވަނީ ހއ. ބާރަށު ކައުންސިލާއެވެ. އަދި އެ ރަށުގެ ރުއްތަކުގައި ބޭސް ޖެހުމުގެ ޚާއްޞަ ޙަރަކާތެއްވެސް މިހާރު ވަނީ ކުރިއަށް ގޮސްފައެވެ.

އުތުރުގެ އަތޮޅުތައް ކަމަށްވާ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ބޭސް ދޫކުރުމުގެ އިދާރީ އިންތިޒާމްތައް ހަމަޖައްސައި، އެ ރަށްރަށުން ބޭސް ހަވާލުވާންޖެހެނީ ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުންނެވެ. އެހެން އަތޮޅުތަކުގެ ކައުންސިލްތަކަށް މި ބޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެއިންނެވެ.

މީގެއިތުރުން ލ. ކަލައިދޫ، ގދ. ފިޔޯރީ އަދި އައްޑޫ މީދޫންވެސް މި މައްސަލައިގައި އެހީތެރިކަމަށް އެދިފައިވާތީ، އެ ރަށްރަށުގެ ކައުންސިލްތަކަށް ބޭސް ހަވާލުވާނެ ގޮތުގެ ސިޓީތައް ވަނީ ފޮނުވައިފައެވެ. އަދި އެހެނިހެން ރަށްރަށަށްވެސް ބޭސް ދޫކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު އަންނަނީ ހުއްޓުމެއްނެތި ކުރިއަށްގެންދަމުންނެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close