ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭން އާއިލާއިން އެދިއްޖެ
ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެވަޑައިގެންނެވި ކަމުގެ ކުށްސާބިތުވެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެމަނިކުފާނުގެ އާއިލާގެ ފަރާތުން ހޯމް މިނިސްޓްރީގައި މިއަދު އެދިއްޖެއެވެ.
އާއިލާގެ ފަރާތުން ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް އެދިފައިވާކަން ހޯމް މިނިސްޓްރީގެ އޮފިޝަލަކު މީޑިއާތަކަށް ކަށަވަރުކޮށްދީފައިވީނަމަވެސް އެ ހުށަހެޅުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މީގެއިތުރުން އިދިކޮޅު ކޯލިޝަނުންވެސް އެތައް ފަހަރަކު ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ގޮވާލައިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދި އާއިލައިން ހޯމް މިނިސްޓްރީ އަށް ހުށަހަޅާފައި މިވަނީ ރައީސް ޔާމީން ގެޔަށް ބަދަލު ކުރަން ޖެހޭފަދަ ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށް ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.
މަނީލޯންޑަކުރިކަން ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް 28 ނޮވެމްބަރު 2018 ގައި އިއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. އެ ފައިސާއަކީ ގއ. މޮޑަވުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ވިދާޅުވެއެވެ.



