މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި މަސްދަޅު ކޭސް ބަހަން ފަށަނީ

ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސްތައް މި ހަފުތާ ނިމެންވާއިރަށް ހުރިހާ އަތޮޅެއްގައި ބަހަން ފަށާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މިއީ ގައުމީ މަސައްކަތެއްގެ ގޮތުގައި ބަލައިގެން ކުރިއަށްގެންދާ ކަމެއް ކަމަށާއި، މިހާރުވެސް މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި މަސްދަޅު ކޭސްގެ ސްޓޮކް ގާއިމުކުރެވިފައިވާ ކަމަށެވެ.
މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، މިފްކޯއިން ދުރާލައި މަސްދަޅު ކޭސްތައް ތައްޔާރުކޮށްފައިވާއިރު، އެމްޕީއެލްއާ ގުޅިގެން ރަށްރަށަށް ތަކެތި އުފުލުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، މިފަހަރުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ރޯދަ ހަދިޔާ ބަހައި އެއްކޮށް ނިންމާލުމެވެ.


