ޚަބަރު

އެމްއެސްޕީއޭ ރީބްރޭންޑް ކުރުމަށްފަހު ވެބްސައިޓް ލޯންޗު ކޮށްފި

މޯލްޑިވް ސޮސައިޓީ ފޮރ ޕާރފޯމިންގ އާރޓްސް (އެމް.އެސް.ޕީ.އޭ) ރީބްރޭންޑްކުރުމަށްފަހު އެމީހުންގެ ވެބްސައިޓްވެސް ލޯންޗުކޮށްފި އެވެ.

އެމްއެސްޕީގެ ވެބްސައިޓް ލޯންޗްކޮށްދެއްވީ ބްރޯޑްކާސްޓިންގ އަދި ފިލްމީ ދާއިރާގައި 39 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ޙުސައިން ޝިހާބް އެވެ.

ޝަރަފުވެރި މެހެމާނު ޙުސައިން ޝިހާބު ވަނީ ދާއިރާގައި ދުވަސްވީ މީހުންނަށް އިހުތިރާމުކުރުމަށާއި ދާއިރާގެ ތެރޭގައި ވާދަވެރިވެގެން ގޮސް ޒާތީ ނުވުމަށާއި ޒާތީވުން ހުއްޓުވުމަށް ބާރުއެޅުއްވުމަށް އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން އެވޯޑަކީ އަމިއްލައަށް ހުށައަޅަން ޖެހޭ އެއްޗަކަށް ނުހަދައި އެކަން ކުރާ ބައެއްގެ އަގުވަޒަންކޮށް އެ ބަޔަކަށް ދޭ އެއްޗެއްގެ ގޮތުގައި ހެއްދެވުމަށް ބާރުއެޅުއްވުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ހަފުލާއެއްގައި އެމްއެސްޕީއޭގެ ޗެއަރމަން މުޙައްމަދު ރަޝީދު (ދަރާ) ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ކޮންމެ މަހަކު ދެ މިއުޒިކް އިވެންޓެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

“އޭގެ ތެރެއިން އެއް އިވެންޓަކީ ޔޫތު މިނިސްޓްރީއާއެކު ފަންނާނުން ބިނާކުރުމަށް ބާއްވާ އިވެންޓެއް. ދެން ބާއްވާނީ މުނިފޫހިފިލުވުމުގެ ތެރެއިން މީހުން އިޖްތިމާޢީ ކަންކަމަށް ހޭލުންތެރިކުމުގެ ގޮތުން ބާއްވާ އިވެންޓެއް. އަދި އަންނަ އަހަރު ޖެނުއަރީގެ ކުރިން މިއުޒިކް އެވޯޑަކާއި ޑްރާމާ ޗެލެންޖެއް އިއުލާނުކުރުމަށް ވަނީ ނިންމާފަ.” ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވެ، އަދި މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ދަރާ ރަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން މި އަންނަ އަހަރު ބާއްވާ ފިލްމު އެވޯޑަށް ތައްޔާރުވަމުންްދާ ކަމަށާއި މިއުޒިކް ފެސްޓިވަލެއް އިއުލާނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަންނުވެރިންނަށް އެ ފަންނުގައި ކުރިއަށްދިއުމަށް އެހީތެރިވެދިނުމާ އަގުވަޒަންކޮށް ހިތްވަރުދީ ފުރުޞަތުތައް ހުޅުވައިލުމުގެ މަގުސަދުގައި އުފައްދާފައިވާ އެމްއެސްޕީއޭ އިން 2022 ވަނަ އަހަރު އިންޑިއާގެ ނޮއިޑާގައި އޭފްއެފްޓީ ޔުނިވަރސިޓީއާއި ގުޅިގެން އަހަރަކު އެއްފަހަރު ދިވެހި ފިލްމު ފެސްޓިވަލެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ރަޝީދު ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާކަމަށާއި އިންޑިއާގެ ކަރްނާޓަކާގައި ބާއްވާ އިވެންޓްގައި އަންނަ ނޮވެމްބަރު މަހު 17 ގައި ދިވެހި ފިލްމު އިންޑަސްޓްރީއާއި މިއުޒިކް އިންޑަސްޓްރީއަށް ނިސްބަތްވާ 12 މެންބަރުން ހިމެނޭ ޓީމެއް ބައިވެރިވާނެ ކަމަށެވެ.

މި އިވެންޓްގައި ދިވެހި ފިލްމު ”ބަވަތި“ އަދި ”ހައްދު“ ސްކްރީންކުރާނެ ކަމަށާއި ދިވެހި ސަގާފީ ހަރަކާތްތައް ހިމެނޭނެ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

އެމްއެސްޕީގެ ވެބްސައިޓާއި ގުޅޭގޮތުން އެމްއެސްޕީއޭގެ ބޯޑު މެންބަރު ސަމާހް ވިދާޅުވީ މި ވެބްސައިޓުން ފިލްމީ ފަންނާނުންގެ ޕްރޮފައިލާއި ކުރާ މަސައްކަތްތަކާއި އެ ފަންނާނުންގެ ޓެލެންޓްތައް ބަލައިލެވޭނެ ކަމަށެވެ.

ފިލްމީ ދާއިރާގައި އެއްވެސް ބައެއްގެ އެހީތެރިކަމެއް ނުލިބި 15 އަހަރު ޕޭޝަނެއްގެ ގޮތުގައި ދާއިރާއަށް އޮންނަ ލޯބީގަ ދެމިތިބި ކަމަށްޓަކައި އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ޑާކް ރެއިން އެންޓަރޓެއިންމެންޓަށް ހަނދާނީ ލިޔުމެއް ވަނީ ދީފަ އެވެ.

ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެސްޕީއޭޭގެ ވައިސް ޗެއަރމަން ޢަލީ ފާރޫޤެވެ. ޑާކްރެއިންގެ ފަރާތުން މި ހަނދާނީ ލިޔުމާ ހަވާލުވީ އެ ޕްރޮޑަކްޝަންގައި މަސައްކަތްކުރަމުން އަންނަ އެމްއެސްޕީއޭގެ ވެސް މެންބަރު އާދަމް ރިޒްވީ (ރެކްސް) އެވެ. މި އެވޯޑް ކޮންމެ އަހަރަކު ދެވޭޭނެ ކަމަށް ވެސް ވަނީ އިޢުލާނުކޮށްފަ އެވެ.

އިންޑިއަން ކަލްޗުރަލް ސެންޓަރުގައި ބޭއްވި މި ހަފުލާގައި ފިލްްމީ އަދި މިއުޒިކީ ދާއިރާގެ ބައެއް ފަންނާނުން ބައިވެރިވެފައި ވެއެވެ.

ހަފުލާއި މުނިފޫހިފިލުވުމުގެ ގޮތުން ޙުސައިން ސާދު (މަޓޭ)، ފަރުހާދު އަދި ނަވާޒްގެ ހިތްގައިމު އަޑުން ލަވަތަކެއް ގެނެސްދީފައި ވެއެވެ.

އެމްއެސްޕީއޭގެ ރަސްމީ ވެބްސައިޓަކީ (އެމްއެސްޕީއޭ ޑޮޓް އެމްވީ) mspa.mv އެވެ.

އެމް.އެސް.ޕީ.އޭ ރަސްމީކޮށް ލޯންޗްކުރުމަށް ބޭއްވި ހަފުލާ ފެށީ މި އަހަރު މި ފަނާވަނިވި ދުނިޔެއާ ވަކިވެފައިވާ ފިލްމީ ދާއިރާގެ ދެ ބޭފުޅުން ކަމަށްވާ އަލްމަރްހޫމް މޫސާ މަނިކް (ޗިޅިޔާ މޫސާމަނިކް)، ޙަސަން މަނިކް (ކޮއްޔަ ހަސަނިކް) އަދި މިއުޒިކީ ދާއިރާގައި ވިދާލި ލަވަކިޔުންތެރިޔާ އަލްމަރްހޫމް ޝަހުބާންގެ ހަނދާނުގައި ގެނެވުނު މިނެޓެއްގެ ސުކޫތަކަށް ފަހުގަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close