އޯގަން ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތް ރާއްޖޭގައި ފެށުމަށް ކަމާގުޅޭ ބިލެއް ފަރުމާކުރަނީ

ދިވެހިރާއްޖޭގައި އޯގަން ޓްރާންސްޕްލާންޓް ކުރުން ނުވަތަ ގުނަވަން އިންދުމުގެ ޚިދުމަތް ފެށުމަށްޓަކައި އެކަމާ ގުޅޭ ބިލެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހެލްތު މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ ގުނަވަން އިންދުމުގެ އޮޕަރޭޝަނަކީ މިއަދު ދުނިޔޭގެ އެކި ގައުމުތަކުގައި ވަރަށް ފުޅާކޮށް ކުރަމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރަނީ ގާނޫނީ އުސޫލެއްގެ ތެރެއިން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ވެސް އެފަދަ ޚިދުމަތެެއް ފަށާނަމަ އެކަމަށް ގާނޫނީ އޮނިގަނޑެއް ބޭނުންވާނެ ކަމަށާއި އެހެންކަމުން އެކަމާގުޅޭ ބިލެއް ފަރުމާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލިސް ތެރެއިން އެ ބިލު ވުޖޫދުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގުނަވަން އިންދުމުގެ ޚިދުމަތް ފެށުމަށް އަމިއްލަ ހޮސްޕިޓަލުތަކުގެ ޝައުގުވެރިކަން އެބަހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކަމާގުޅޭ ގާނޫނު ވުޖޫދުވުމާއެކު މި ޚިދުމަތް ރާއްޖޭގައި ފެށިގެންދާނެ ކަމަށެވެ.
މިނިސްޓަރު ވަނީ ދިވެއްސަކު މިފަދަ އޮޕަރޭޝަނެއް ކޮންމެހެން ކުރަންޖެހޭ ހާލަތުގައި އެ މީހެއްގެ ސިއްހީ ފަރުވާއަށް ދޭންޖެހޭ އެހީތެރިކަމެއް ސަރުކާރުން ދޭނެކަމަށް ވެސް ވިދާޅުވެފައެވެ.


