ޚަބަރު

‘ރާޔާ މާލެ’ އެކައުންޓުން ހިންގާ ސްކޭމަކަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި

‘ރާޔާ މާލެ’ ކިޔާ އެކައުންޓަކުން ގަހަނާ ވިއްކުމުގެ ނަމުގައި އިންޓަނެޓު ބޭންކިންގެ މައުލޫމާތު ވަގަށް ނަގައިގެން ސްކޭމެއް ހިންގާތީ، އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ރޭ އިލްތިމާސްކޮށްފިއެވެ.

މީސްމީޑިއާގައި ހިންގާ މި ޕޭޖުން ‘ކްލޯޝާ ސޭލް’ގެ ނަމުގައި 80 އިންސައްތައާ ހަމައަށް ބޮޑެތި ޑިސްކައުންޓުތައް ދޭކަމަށް ބުނެ އިޝްތިހާރުކޮށް، ކަސްޓަމަރުންގެ ކޭޝް ކާޑާއި ބޭންކިންގް މައުލޫމާތު އަންނަނީ ވަގަށް ނަގަމުންނެވެ.

ފުލުހުން ބުނި ގޮތުގައި، މި ސްކޭމް ހިންގަނީ ޕޭމަންޓު ހަދާ ވަގުތު ބޭންކުގެ ފޭކު ލޮގިން ޕޭޖެއް ދައްކައި، ކަސްޓަމަރުގެ ޔޫޒާ ނޭމާއި ޕާސްވޯޑު އަތުލައިގެންނެވެ. އެ މައުލޫމާތު ބޭނުންކޮށްގެން ސްކޭމަރުން އެކައުންޓުގައި ހުންނަ ފައިސާ ފޭރެމުންދާތީ، އެއްވެސް ލިންކަކަށް ފިތައިގެން ބޭންކަށް ނުވަނުމަށާއި، އެއްވެސް ފަރާތަކަށް އޯޓީޕީ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ޓެކްނޮލޮޖީއާއެކު ސްކޭމަރުންގެ އުކުޅުތައް ބަދަލުވަމުންދާއިރު، މިފަދަ ލިންކެއްގައި މައުލޫމާތު ހިއްސާކުރެވިފައިވާ ނަމަ ލަސްނުކޮށް ބޭންކަށް ގުޅައި ކާޑާއި އެކައުންޓު ބްލޮކް ކުރުމަށް ފުލުހުން އިރުޝާދު ދެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ބަލި މީހުންނަށް އެހީވުމުގެ ނަމުގައި ވެސް މިފަދަ ސްކޭމްތައް ހިންގަމުންދާތީ، އާންމުން މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close