ޚަބަރު

ޔޯގާއަކީ ހަރާން އެއްޗެއް ނޫންކަމަށް މައުމޫން އަނެއްކާވެސް ވިދާޅުވެއްޖެ

ޔޯގާއަކީ ހަރާން އެއްޗެއް ނޫންކަމަށް ތަކުރާރުކޮށް މައުމޫން އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

ގަލޮޅު ދަނޑުގައި ހިންގި ޔޯގާ ހަމަނުޖެހުމާއި ގުޅިގެން އޭރުވެސް އެމަނިކުފާނު ވިދާޅުވީ ޔޯގާއަކީ ކަސްރަތެއް ކަމަށެވެ. އޭގެ ހުކުމަކީ ހުއްދަ ކަމެއް ކަމަށެވެ. ޔޯގާއާއި ގުޅޭގޮތުން މިރޭވެސް މައުމޫން ވިދާޅުވީ ޔޯގާއަކީ ހަރާން އެއްޗެއް ނޫން ކަމަށާއި ޔޯގާއި އާއި ފުޓުބޯޅައާއި އެއީ އެއްހަމައެއްގެ ދެ ކަންތައް ކަމަށެވެ.

ވީޓީވީން މިރޭ ގެނެސްދިން ބޮޑުފެންޑާ ޕްރޮގުރާމްގެ މެހްމާނެއްގެ ގޮތުގައި ބައިވެރިވެރިވެވަޑައިގެން، މައުމޫނު ވަނީ ޔޯގާ ހަރާންކަމަށްބުނާ މީހުން ފުޓުބޯޅަ ހަރާން ކަމަށް ނުބުނަނީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ.

“ޔޯގާއަކީ ހަމަ އެންމެ ރަނގަޅުކަމެއް. އެކީއްވެތޯ ގޯސްވާންވީ. މިސާލަކަށް ބަޔަކު ބަޔަކު ބުނެފާނެ ޔޯގާއަކީ ހިންދީ ދީނުގެ (މީހުން ކުރާކަމެކޭ). ހިންދީ ދީނުގެ މީހުންނަކީ މުޝްރިކުންނޭ. ޝިރުކުކުރާ ބައެކޭ. އެމީހުން ކުރާ ކަމެއް ކޮށްގެންނުވާނެއޭ. އޭގެ ޖަވާބުގައި ދަންނަވަން އޮތީ ފުޓުބޯޅަ ކިހިނެތްތޯއޭ ވަނީ. ފުޓުބޯޅައަކީ ހުޅަނގުގެ އުފެއްދުމަކަށްވަންޏާއި ހުޅަނގުގެ ގައުމުގެ މީހުންނަކީ ވެސް ހަމަ މުޝްރިކުން. އެހެންވީމަ ފުޓުބޯޅަވެސް ކުޅެގެންނުވާނެތާ. ކްރިކެޓްވެސް ކުޅެގެން ނުވާނެތާ. ޔޯގާވެސް ނުހެދޭ ކަމަށްވަންޏާއި މި ދެންނެވީ. އެދެން ދެކޮޅު ޖެހޭ ވާހަކައެއް ނޫން އެ ދައްކަނީ،” މައުމޫނު ވިދާޅުވި އެވެ.

މިސްރުގެ އަޒުހަރު ޔުނިވަރސިޓީން ދީނީ ތައުލީމް އުނގެނިވަޑައިގެން ހުންނެވި މައުމޫނު ވިދާޅުވީ ބަލަން ޖެހޭނީ އެ ކުޅިވަރަކާ ދީނާ ހުރި ގުޅުން ކަމަށާއި ޔޯގާ ހަދާއިރު ދީނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

“އަޅުގަނޑުމެން އިރަށް އަޅުކަން ކުރަނީއެއްވެސް ނޫން. އެކަން ހިތުގައި އޮތީއެއްވެސް ނޫން. އެއިން އެއްވެސް ކަމެއްް ކުރަނީއްނޫން. މިދެން ހަމަ ކަސްރަތެއް. އެ ކަސްރަތު އެހެން ކުރާއިރު ފުޓުބޯޅަ ކުޅުމެކޭ ޔޯގާ ހެދުމެކޭ ކޮބާތޯ ތަފާތެއް.” މައުމޫނު ވިދާޅުވި އެވެ.

ޔޯގާއަކީ ހަރާން އެއްޗެއް ކަމަށް ބައެއް އިލްމްވެރިން ވިދާޅުވާ ކަމަށް ޕްރެޒެންޓަރ ވިދާޅުވުން އިލްމްވެރިންނަކީ ކޮބާތޯ ވެސް މައުމޫން ވަނީ ސުވާލު އުފައްދަވާފަ އެވެ.

“އަމިއްލައަށްތޯ ނިންމާނީ ތިމަންނަ މީ ދީނީ އިލްމްވެރިއެއްތޯ. ކޮންމެވެސް ޔުނިވަރސިޓީއަކުން އެއްއަހަރު ދެ އަހަރު ކިޔަވާލާފައި، އޭނާގެ މަންޒަރަށް ބަދަލެއް ގެނެސްފައި، ތުނބުޅިއެއް ބަހައްޓާފައި، ދީނީ ވައްތަރުގެ، މި ދެންނެވީ އަރަބި ވައްތަރުގެ ހެދުމެއް އަޅާފައި އުޅުނީމަ އެ ދީނީ އިލްމްވެރިއަކަށްވީތޯ. އެއީ ދީނީ އިލްމްވެރިއަކަށްވީއެއް ނޫނޭ،” މައުމޫނު ވިދާޅުވި އެވެ.

މައުމޫނު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ދީނީ އެއްބައްވަންތަކަމުގެ ގާނޫނުގައި ދީނީ އިލްމްވެރިއަކަށް ވާނީ ސަރުކާރުން ގަބޫލުކުރާ ޔުނިވަރސިޓީއަކުން މަތީފާސް ހޯދައިގެން އަންނަ މީހުން ކަމަށް ކަނޑައަޅާފައިވާނެ ކަމަށެވެ. “އެހެންވީމަ ހަމަ ކުއްލިއަކަށް ހުރެފައި ބުނީމަ ދީނީ އިލްމްވެރިއަކަށްވާނެތޯ.” މައުމޫން ވިދާޅުވިއެވެ.

ޔޯގާއާ ގުޅޭ ގޮތުން މައުމޫނު މި މޭރުމުން ވާހަކަ ދެއްކެވި ނަމަވެސް ރާއްޖޭގެ ބައެއް ދީނީ އިލްމްވެރިންނާއި އަދި ދުނިޔޭގެ ނަން މަޝްހޫރު ދީނީ އިލްމުވެރިން ވެސް ޔޯގާއަކީ ހަރާން ކަމެއްކަމަށް ފަތުވާ ދެއްވަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close