ޚަބަރު

ދެވަނަ ސަރޖެއް އަޔަނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތައް އަޅާނަން – ޓޫރިޒަމް މިނިސްޓަރ

15 ޖުލައިގައި ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، ރައްޔިތުންގެ ރައްކާތެރިކަމާއި އަދި އަންނަ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަންނަ ފަތުރުވެރިންގެ ތެރެއިން ބޯޑަރުން އަލަމާތްތައް ފެންނަ ފަތުރުވެރިން ޕީސީއާރު ޓެސްޓް ކުރާނެކަމަށާއި އަދި ރެންޑަމްކޮށް ވެސް ޓެސްޓް ކުރަން ބޭނުންވެއްޖެ ނަމަ އެކަން ވެސް ކުރެވޭނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ބޯޑަރު ހުޅުވާލާ ތާރީހު އިއުލާންކުރުމުގެ ކުރިން 11 އެއަރލައިނަކުން ރާއްޖެއަށް ދަތުރު ފެށުމަށްޓަކައި ސްލޮޓްސްތައް ރިޒާވްކޮށްފައިވާ ކަމަށެވެ.

އަދި ރާއްޖެއަށް ކޮވިޑްގެ ބަލިމަޑުކަން އައުމުގެ ކުރިން ރާއްޖެއަށް ދަތުރުކުރި އެއަރލައިންތަކާއި ބައްދަލުކުރައްވާފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ އެއަރލައިންތައް ޖުލައި މަހުގެ ތެރޭގައި ޝެޑިއުލް ދަތުރުތައް ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ބާކީ ހުރި އެއަރލައިންތައް އޮގަސްޓު މަހުގެ ތެރޭގައި ދަތުރުތައް ފަށާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައި. 15 ވަނަ ދުވަހު ވެސް 3 ފުލައިޓެއް ވަނީ ބުކްކޮށްފައި. އެދުވަހުގެ ހެނދުނު ރާއްޖެ ފުރަތަމަ ފުލައިޓް އަންނާނެ. އެއަރޕޯޓުގެ ހުރިހާ ސްޓޭކް ހޯލްޑަރސްއާއެކު ވަނީ ބައްދަލުކޮށްފައި. ރާއްޖޭގެ އެއަރޕޯޓް އޮތީ ފަތުރުވެރިކަމަށް ހުޅުވާލަން ތައްޔާރަށް، ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އައުމަށް ތައްޔާރުވެފައިވާ އެއަރލައިންތަކުގެ ތެރޭގައި ސްރީލަންކަން އެއަރލައިން، ސިލްކް އެރަރވޭސް، އެމިރޭޓްސް، އިންޑިގޯ، އިއްތިހާދް އެއަރވޭސް، ސިންގަޕޫރު އެއަރލައިން، ޓަރކިޝް އެއަރލައިން އަދި ހޮންގކޮންގު އެއަރލައިން ހިމެނެއެވެ.

އެއަރޕޯޓުގެ ތައްޔާރީތަކާއި ގުޅިގެން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކޮންމެ 20 މިނެޓަކުން ފުލައިޓް ޖައްސާ ކްލިއަރެންސް ހެދޭ ވަރަށް ނިއުނޯމަލްގައި މަސައްކަތް ކުރެވޭނެކަމުގެ ޔަގީންކަން އެމްއޭސީއެލުން ދެއްވާފައިވާ ކަމަށެވެ. އަދި މި މަސްދުވަހުގެ ތެރޭގައި އިތުރަށް ގެންނަން ޖެހޭ އިސްލާހު ގެންނާނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަށް ގެނެސް ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރުތައް ހުޅުވާލާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް އިއުލާންކުރައްވާފައިވަނީ އަންގާރަ ދުވަހުއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ޖުލައި މަހުގެ 15 ވަނަ ދުވަހު ރިސޯޓްތައް ވެސް ހުޅުވާލަން ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، ބޯޑަރު ހުޅުވާލާއިރު ރާއްޖެއަށް ލިބޭ އެންމެ މުހިއްމު ހިތްހަމަޖެހުމަކީ ރާއްޖެއަކީ ދަތުރުކުރުމަށް ރައްކާތެރި ގައުމެއް ކަމަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޖަރުމަނުވިލާތުން ކަނޑައަޅާފައިވުން ކަމަށެވެ.

ރައީސް ވިދާޅުވީ، ފަތުރުވެރިކަން އަލަށް ފަށައިގަންނައިރު ސަރުކާރުގެ ވިސްނުން ހުރީ އިގްތިސާދީ އަވަސް ރިކަވަރީއަކާއި ދިމާލަށް ކަމަށެވެ. އެކަމަށްޓަކައި ކަމާއިގުޅޭ ހުރިހާ ދާއިރާއެއްގެ ބައިވެރިވުމާއި، ހިޔާލާއި މަޝްވަރާގެ މަތިން ކުރާނެ ކަންކަން ރާވައި، ހިންގުމުގެ އިތުރުން ފައިސާ ހޯދުމުގައިކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ޓާސްކުފޯސް އެއް އެކުލަވާލާފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ބޯޑަރު ހުޅުވާލާނީ ހުރިހާ ގައުމުތަކަށް ކަމަށާއި، އެއްވެސް ގައުމެއް އިސްތިސްނާ ނުކޮށް ކަމަށެވެ. މުޅި އަހަރުގެ ތެރޭގައި އަށް ލައްކަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައިވާއިރު، އެ އަމާޒަށް ވާސިލުވާން ނިއު ނޯމަލްގެ ތެރޭގައި ރާއްޖެއަށް ފަސް ލައްކަ ފަތުރުވެރިން ޒިޔާރަތްކުރަން ޖެހެއެވެ.

ސަރުކާރާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން (ޑިސެމްބަރު-މާރޗު) އަންނަންވާއިރަށް، ފަތުރުވެރިކަން މަޑުމަޑުން ހަމައަކަށް އެޅިގެންދާނެއެވެ. މިހާރުގެ ހުރިހާ އަންދާޒާކުރުންތަކަކީ، 30 އިންސައްތަ އޮކިއުޕަންސީގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އަންދާޒާކުރުންތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close