ލާމަރުކަޒީ އުޞޫލު ހަރުދަނާކޮށް ކައުންސިލްތަކުން ވިޔަފާރި ކުރެވޭނެގޮތް ހަދައިފި
ލާމަރުކަޒީ އުޞޫލު ހަރުދަނާ ކުރުމުގެ ގޮތުން ކައުންސިލުތަކުން ގުޅިގެން ލޯކަލް އޮތޯރިޓީ ކުންފުނިތައް އުފައްދައި ވިޔަފާރި ކުރެވޭނެ ގޮތް ހަދައިފިއެވެ.
ކައުންސިލްތަކުން އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމުގެ ފުރުސަތުވެސް ލިބޭ ޤަވާއިދު އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކުރީ މިއަދުއެވެ. އެ ގަވާއިދުގައިވާގޮތުންތުން، އަމިއްލަ ފަރާތްތަކާއިއެކު، ވިޔަފާރިކުރުމަށް އެދި ހުށަހަޅާއިރު، އެ ސިޓީއެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި ހިނގަމުންދާ ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަތުމާއި، ވަޒީފާ އުފެދޭނެ މިންވަރު ބެލުމާއި، އުފެއްދުންތެރިކަމަށް ހިއްސާކުރާނެ މިންވަރު ދެނެގަތުން ފަދަ ކަންކަމަށް ރިއާޔަތްކޮށް، އެ ސިޓީއެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި، އަމިއްލަ ފަރާތަކާއިއެކު ވިޔަފާރިކުރުމަށް އެދޭނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމާ ނިންމުން ހުށަހެޅުމަށް ކައުންސިލްތަކަށް ލާޒިމުކުރެވިފައިވާ ކަމަށް ގަވާއިދުގައި ވެއެވެ.
އަދި އަމިއްލަ ފަރާތްތަކާއެކު ކުންފުނި އުފައްދަން ހުށަހަޅާއިރު، ކައުންސިލުގެ ހިއްސާ އޮންނަންޖެހެނީ، %20 އަށް ވުރެ އިތުރުނުވާނެ މިންވަރަށް ކަމަށްވެސް ބުނެފައި ވެއެވެ.
މިހާރު ކައުންސިލުތަކުން އަމިއްލަ ނަމުގައި ކުރާ ވިޔަފާރިތަކުގެ ތެރެއިން، ކައުންސިލުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް ބޭނުންވާނަމަ، ކުރިއަށް އޮތް 9 މަސް ދުވަހުގެ ތެރޭގައި، ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅޭނީ، ސިޓީ ކައުންސިލެއްގެ ފަރާތުން، ނުވަތަ އަތޮޅު ކައުންސިލެއްގެ ފަރާތުން، ނުވަތަ ރަށު ކައުންސިލެއްގެ ފަރާތުން، އެ ކައުންސިލެއްގެ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރަކުން ކަމަށް ބަޔާންކޮށްފައި ވެއެވެ
އަދި މި ގަވާއިދުގެ ދަށުން ވަކި ކައުންސިލަކީ ކުންފުނީގެ ހަމައެކަނި ހިއްސާދާރެއްގެ ގޮތުގައި، ނުވަތަ އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލްތަކެއް އެކުވެގެން ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ކޮންމެ ކުންފުންޏެއްގެ ނަމުގެ ފަހަތަށް “ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް” ނުވަތަ އިނގިރޭސި އަކުރުން އޭގެ ރަމްޒު ކަމުގައިވާ “.LTD. LAC “ހިމަނާންވާނެ ކަމަށް ބުނެފައި ވެއެވެ.

