ހެއްކާބެހޭ ބިލުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ މާއްދާއެއް ހިމަނާފައިވުމަކީ ކަންބޮޑުވާކަމެއް – މީޑިއާ ކައުންސިލުން
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބޭނެފަދަ މާއްދާއެއް ހިމަނާފައިވުމަކީ ނުހަނު ކަންބޮޑުވާކަމެއްކަމަށް މީޑިއާ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި، “ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ.” މިފަދައިން ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުހަލާގައި މިހާރު އޮތް ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ) ގައި ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް، ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެ 2 ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ދެކޭގޮތުގައި، މި މާއްދާ މިގޮތަށް އޮވެ ބިލު ފާސްވެއްޖެނަމަ، ޤާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެޙައްޤު ނިގުޅައިގަނެވި، މަސްދަރު ހާމަކުރުމަށް މި މާއްދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިއީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއްކަމަށް ބުނެފައިވެއެވެ.
އަދި މިފަދައިން ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް އެޅިގެންދާގޮތަށް ޤާނޫނެއް ފާސްވުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެހޯދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ، އަދި އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް ބައިނަލްއަޤުވާމީ އެތައް ގޮންޖެހުމެއް ކުރިމަތިވެދާނެކަމެއްކަމަށްވެސް މީޑިއާ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެމިނިވަންކަމުގެ ޤާނޫނު ވުޖޫދަށް އައުމުގެ ސަބަބުން ދިވެހިރާއްޖޭގެ މީޑިއާ ދާއިރާއަށް ލިބިގެންދިޔަ ގެއްލުންތަކުން ފިލާވަޅު ލިބިގަނެ، ހެއްކާއި ބެހޭ ބިލުންވެސް މި ފާހަގަކުރެވުނު ބައިތައް އުނި ކުރުމަށް މި ކައުންސިލުން ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާކަމަށް އެކައުންސިލުން ބުނެއެވެ.
މީގެ އިތުރުން، މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއާ ބައްދަލުކުރުމަށާއި، އަދި މިކަން އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެހައިކަމެއްކުރުމަށް މިއަދުގެ ކައުންސިލުގެ ޖަލްސާގައި ފާސްކޮށްފައިވާކަމުގައި ނޫސްވެރިންނާއި މީޑިއާގެ ސަމާލުކަމަށްޓަކައި ދަންނަވާކަމަށް ބުނެފައިވެއެވެ.

