ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ މި އިންތިޚާބުގައި، ރާއްޖޭގެ އެކި ދާއިރާތަކުން ޖުމްލަ 1،356 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި، އިންތިޚާބަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އަންނަ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 15:30 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ. މިފަހަރުގެ އިންތިޚާބުގެ މުހިންމު ބަދަލެއްގެ ގޮތުން، ހުރިހާ ކެންޑިޑޭޓުންވެސް ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށެވެ. އެގޮތުން، ކޮމިޝަނުގެ ‘މައި ޕޯޓަލް’ (my.elections.gov.mv) މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅުމާއި އިދާރީ ފީ ދެއްކުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ފޯމު ބަލައިގަތުމުގެ މަސައްކަތް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 15:30 އަށް ކުރިއަށްދާއިރު، ހުކުރު ދުވަހު މެންދުރުފަހު 15:30 އިން އިރުއޮއްސި 18:00 އަށް ފޯމު ބަލައިގަންނާނެ ކަމަށް އީސީން މަޢުލޫމާތުދެއެވެ.

މި އިންތިޚާބުގައި ޖުމްލަ 225 ދާއިރާއަކުން މެންބަރުން ހޮވުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކަށް ހޮވާ 678 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވާ 678 މެންބަރުންނެވެ. މިފަހަރު ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 150,410 ފިރިހެނުންނާއި 144,527 އަންހެނުންނެވެ.

ވޯޓުލުން ކުރިއަށްދާނީ އޭޕްރީލް 4 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ރޭވިފައެވެ. އެގޮތުން ރަށްރަށުގައި 321 ފޮށި، މާލެ ސަރަޙައްދުގައި 240 ފޮށި، ރިސޯޓުތަކުގައި 50 ފޮށި، ޖަލުތަކުގައި 5 ފޮށި އަދި ސިނާޢީ ރަށްރަށުގައި 3 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ޚާއްޞަކޮށްގެން ސްރީލަންކާގެ ކޮލަމްބޯ އާއި މެލޭޝިއާގެ ކުއަލަލަމްޕޫރުގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close