ލަންދޫސްކޫލްގެ މިދިޔައަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ފަރުޙާން ހޮވިއްޖެ
ނ.ލަންދޫ ސްކޫލްގެ މިދިޔައަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރު (ބެސްޓް އޯލްރަންޑަރ ) ގެ މަޤާމް ނ.ލަންދޫ ސާމަރާގޭ މުޙައްމަދު ފަރުޙާނަށް ލިބިއްޖެއެވެ.
ރޭ ލަންދޫ ސްކޫލްގައި ބޭއްވި ޕްރައިޒްޑޭގެ ޖަލްސާގައި އެސްކޫލްގެ 2018 ވަނައަހަރުގެ ބެސްޓް އޯލްރައުންޑަރއަކަށް ފަރުޙާން ހޮވިފައިވާކަން ޢިއުލާން ކޮށްފައިވާއިރު އޭނައަށްވަނީ ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން ދެއްވާ ޚާއްޞަ ޝީލްޑާއި ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ ޚާއްޞަ ޝީލްޑާއި، ލަންދޫސްކޫލުން ދޭ ޚާއްޞަ ޝީލްޑާއި، އެތައްބައިވަރު އިނާމްތަކެއް ލިބިފައެވެ.

ފަރުޙާންގެ ތަޢުލީމީ ޙަޔާތް ނ.ލަންދޫސްކޫލުގެ ގްރޭޑް 1 ން ފެށިފައިވާއިރު ގްރޭޑް 10 އާއި ހަމައަށް މެދުނުކެނޑި އޭނާވަނީ އެސްކޫލުން ތައުލީމް ޙާޞިލްކޮށްފައެވެ. އަދި ތައުލީމީ ޙަޔާތުގައި އޭނާވޭތުރި 10 ވަރަކަށް އަހަރުގެ ތެރޭގައި ކޮންމެ އަހަރަކުވެސް ތައުލީމީ ގޮތުންނާއި، ކޯކަރިކިއުލަ ޙަރަކާތްތަކުން ރަންވަނަތަކެއް ޙާޞިލް ކޮށްފައިވާ ވާކަން ލަންދޫސްކޫލުންވަނީ ފާހަގަކޮށްފައެވެ.

ނޯތް ޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފްއިންސްޕެކްޓަރ އޮފް ޕޮލިސް އަލްފާޟިލް މުޖްޠަބާ ޢަބުދުއްސައްތާރު ޝަރަފްވެރިކޮށްދެއްވި ލަންދޫސްކޫލްގެ 2018 ވަނައަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި ފަރުޙާނަށް ޝީލްޑާއި، ހަނދާނީ ލިޔުމާއި، އެހެނިހެން އިނާމްތައް ދެއްވީ ޝަރަފްވެރިމެހްމާނެވެ.
ރޭގެ ޖަލްސާގައި ބައިވެރިންނާއި މުޚާތަބު ކޮށް ފަރުޙާންވަނީ ވާހަކަދައްކާފައެވެ. އޭނަގެ ސްޕީޗްގައި ލަންދޫސްކޫލްގެ ވެރިންނަށާއި، ޓީޗަރުންނަށް ޝުކުރުއަދާކުރުމަށްފަހު އޭނާއަށް އޭނާގެ ބެލެނިވެރިންގެ ފަރާތުން ލިބުނު އަޅާލުމާއި، އޯގާތެރިކަން ވަރަށް ތަފްޞީލް ކޮށް ކިޔައިދީ އެފަދަ މަޤާމަކަށް އާދެވުމުގައި ދިމާވި ގޮންޖެހުންތަކާއި، ލިބުނު އެހީތެރިކަން ވަރަށް ސާފުކޮށް ބަޔާންކޮށްދިނެވެ.

އަދި ފަރުޙާންގެ މަންމައާއި ބައްޕައަކީ އެއްވެސް ކުއްޖަކަށް ލިބޭނެ އެންމެ އޯގާތެރި އެންމެ އަޅާލާ އެންމެ ބެސްޓް މަންމައާއި ބައްޕަކަމަށް ބުނެ މަންމައާއި ބައްޕައަށް ޝުކުރުއަދާކުރިއެވެ.
ފެންކަޅިވެފައިވާ ޙާލުގައި ޖަޒުބާތާއި އަސަރުން ފުރިގެން ހުރެ ފަރުޙާން ވާހަކަ ދެއްކިއިރު މުޅިހޯލްތެރެވެސްވަނީ ހަމަހިމޭންވެފައެވެ. އޭނައިގެ ސްޕީޗްކުރިއަށް ގެންދަމުން ޓީޗަރުންގެ ތެރެއިންނާއި، ޢާއިލާގެ ފަރާތުން އޭނާއަށް ޚާއްޞާ އެޙީތެރިކަމަކާއި، އަޅާލުން ދިން ފަރާތްތަކުގެ ނަންތައްވެސް ހާމަކުރިއެވެ.
ރޭގެ ޖަލްސާގައިވަނީ ލަންދޫސްކޫލްގެ ފަރާތުން ، ފަރުޙާނުގެ ޚާއްޞަ ޕްރޮފައިލް ވީޑިއޯ ރިޕޯޓެއްވެސް ހުށަހަޅާފައެވެ. އެރިޕޯޓްގައި ގައިވަނީ އޭނާގެ ތަޞައްވުރާއި، ދެކެންބޭނުންވާ ދުވަހާއި، މުސްތަޤުބަލުގެ އުންމީދު ވަރަށް ރީތިކޮށް ހާމަކޮށްދީފައެވެ.
ލަންދޫސްކޫލްގެ ގިނައަދަދެއްގެ ބެލެނިވެރިންނާއި ސްޓާފުންގެ އިތުރުން ނ.މަނަދޫ ޕޮލިސްސްޓޭޝަންގެ ބައެއް ބޭފުޅުންނާއި، ނ.ލަންދޫ ޕޮލިސްސްޓޭޝަންގެ ފުލުހުން ވަނީ ރޭގެ ޖަލްސާގައި ބައިވެރިވެފައެވެ.

އަދި ލަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި، އެތަންތާންގެ މުވައްޒަފުންނާއި، ލަންދޫގެ ކަމުވޮށިވެގެންވާ ގިނަފަރާތަކަކުން ރޭގެ ޖަލްސާގައިވަނީ ބައިވެރިވެފައެވެ.
ޖަލްސާއަށް ވަޑައިގެންނެވި ޢިއްޒަތްތެރިންގެ ޝަރަފްގައި އޮތް ރޭގަނޑުގެ ފަރިކޮޅެއްވެސް ރޭގެ ޖަލްސާގެ ފަހުގައި އޮތެވެ.


ތިޔަ ހޯދ ކާމިޔާބީ އާއި އެއްވަރަށް ތިމާގެ އަޚުލާޤާއި ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތް ތެރިވަމެވެ. ދެދުނިޔޭ ގެ ކާމިޔާބު އޮތީ އޭރުންނެވެ.