ސިނަމާލެ ބްރިޖްގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ
ސިނަމާލެ ބްރިޖް މަތީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭ ނިޔާވެއްޖެއެވެ.
ރޭ 8 ޖަހާހާއިރު ހިނގި މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ އުމުރުން 21 އަހަރުގެ މުހައްމަދު ހައިކަލް އިސްމާއިލެވެ. އޭނާއަށް ފަރުވާދެމުން ގޮސްފައި ވަނީ އޭޑީކޭގައެވެ.
އެނގިފައިވާގޮތުން އެ ޒުވާނާ އެކްސިޑެންޓްވެފައި ވަނީ ހުޅުމާލެ އިން މާލެއަށް ދަތުރު ކުރަނިކޮށް ސައިކަލުން ވެއްޓިގެންނެވެ.
މި އެކްސިޑެންޓްގައި އެ ޒުވާނާއަށް ބޮޑެތި އަނިޔާތަކެއް ވިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، ހުޅުމާލޭއިން މާލެއަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް “އޮފް ބެލެންސް” ވެ ވެއްޓިގެން މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ރޭ 19:57 ގައި ލިބިފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އެޒުވާނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.
“އެމީހާ އަށް އޭޑީކޭ ގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައި. މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން” މީޑިއާ އޮފިސަރު ވިދާޅުވިއެވެ.


