ޚަބަރު

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ތަސްދީޤުކުރައްވައިފި

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެފަދަ ވޯޓެއް ނެގުމާ ގުޅޭ ކަންކަން ހިމެނޭ “ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތަސްދީގުކުރައްވައިފިއެވެ.

ގާނޫނުއަސާސީގައި މިކަމުގެ ވާހަކަ އޮތް ނަމަވެސް، މިހާތަނަށް މިކަމަށް ވަކި ގާނޫނެއް ހަދާފައެއް ނުވެއެވެ. މި ގާނޫނުގެ ސަބަބުން، އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގާނެ ހާލަތްތަކާއި، ވޯޓު ނެގުމުގައި ހުށަހަޅާ ފަރާތްތަކުގެ ދައުރާއި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަންޖެހޭ އުސޫލުތައް ސާފުވެގެންދާނެއެވެ.

މި ބިލުގައިވާ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ގައުމީ މުހިންމު މައްސަލަތަކާއި، ގާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށެވެ. ގައުމީ މައްސަލަތަކުގައި ވޯޓަށްދާން ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ނިންމާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ވަކިން ޚާއްސަކޮށް، ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބު، މަޖިލީހުގެ އުމުރު، ރިޔާސަތުގެ ދައުރު، ރައީސް އިންތިހާބުކުރާ ގޮތް، ރައީސް ބިލުތައް ތަސްދީގުކުރާ ގޮތް، އަދި ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭ މާއްދާތަކަށް ބަދަލު ގެނެވޭނީ އާންމު ވޯޓަކުންނެވެ.

ބިލުގައި ހިމަނާފައިވާ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަހުގެ މުއްދަތެއް އޮންނަންވާނެއެވެ. މިފަދަ ވޯޓެއް ފާސްވާނީ ސައްހަ ވޯޓު 50 އިންސައްތައަށްވުރެ މަތިން ލިބިގެންނެވެ. އިންތިހާބަށް ހަރަދުވާނެ ފައިސާ، އިލެކްޝަންސް ކޮމިޝަނުން މާލީ ވުޒާރާއަށް ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި ހަމަޖައްސަންޖެހެއެވެ. މީގެ އިތުރުން، ވޯޓު ނަގަން ކަނޑައަޅާ ގަރާރާއެކު، ހިޔާލު ހޯދަން ހުށަހަޅާ ސުވާލާއި، އެ މައްސަލައާ އެއްކޮޅަށް ހުރި އަދި ދެކޮޅަށް ހުރި ހުއްޖަތްތައް ހިމެނޭ މައުލޫމާތު ކަރުދާހެއް އޮންނަން ޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close