ބޭސްވެރިކަމުގެ އައު އިންގިލާބެއް: އޭއައި އިން އުފެއްދި ފުރަތަމަ ބޭސް ކާމިޔާބީއާ ގާތަށް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އީޖާދުކުރި ފުރަތަމަ ބޭސް، ކާމިޔާބުކަމާއެކު އޭގެ ދިރާސީ މަރުހަލާތައް ކަޑައްތުކުރަމުން ދިއުމަކީ ދުނިޔޭގެ ބޭސްވެރިކަމަށް އަންނާނެ ބޮޑު ބަދަލެއްގެ ފެށުމެވެ. “އިންސިލިކޯ މެޑިސިން” އިން އުފެއްދި ‘ރެންޓޯސާޓިބް’ (Rentosertib) އަކީ ބޭސް އުފެއްދުމަށް ހޭދަވާ ދިގު މުއްދަތާއި ބޮޑު ޚަރަދު ކުޑަކޮށް، ބަލިމީހުންނަށް އައު އުންމީދެއް ގެނެސްދޭނެ ބޭހެއް ކަމަށް ސައިންސްވެރިން ގަބޫލުކުރެއެވެ.
އާންމު ގޮތެއްގައި ބައްޔަކަށް ބޭހެއް އީޖާދުކޮށް ބާޒާރަށް ނެރުމަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ގުރުބާނީއެކެވެ. މި ބުރަ މަސައްކަތަށް އެތައް ބިލިއަން ޑޮލަރެއް ހޭދަވާއިރު، އޭގެ ތެރެއިން 90 އިންސައްތަ ބޭސް ކާމިޔާބު ނުވެ ފެއިލްވެއެވެ. ނަމަވެސް މިފަދަ ހުރަސްތަކުން މިންޖުވުމަށްޓަކައި، ފާމަޝޫޓިކަލް ކުންފުނިތަކުން މިހާރު ދަނީ އޭއައިގެ ޓެކްނޮލޮޖީއަށް ކުރާ އިންވެސްޓްމަންޓްތައް އެތައް ގުނައެއް އިތުރުކުރަމުންނެވެ.
ފުއްޕާމެއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ‘އިޑިއޯޕެތިކް ޕުލްމޮނަރީ ފައިބްރޯސިސް’ އަށް ފަރުވާކުރުމަށް އުފެއްދި ‘ރެންޓޯސާޓިބް’ ގެ ލެބޯޓަރީ މަރުހަލާތައް އެންމެ ދެ އަހަރުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. މިއީ އާދައިގެ ބޭސްވެރިކަމުގެ އުސޫލުތަކާ އަޅާބަލާއިރު ހައިރާންކުރުވަނިވި އަވަސް މިނެކެވެ. ދިރާސާގެ ދެވަނަ މަރުހަލާގައި 71 ބަލިމީހަކަށް މި ބޭސް ދިނުމުން، އެމީހުންގެ ފުއްޕާމޭގެ މަސައްކަތް ކުރިއަށްވުރެ ރަނގަޅުވެ، ބޭހުގެ ސަބަބުން ކުރިމަތިވާ ‘ސައިޑް އިފެކްޓްސް’ ނުވަތަ ނޭދެވޭ އަސަރުތައް ވެސް ވަރަށް ކުޑަކަން ވަނީ ފާހަގަވެފައެވެ.
މި ކާމިޔާބީއާއެކު، ދެން އޮތީ 18 މަސްދުވަހުގެ ތިންވަނަ މަރުހަލާގެ އަޖުމަބެލުންތަކެވެ. “ޕްރެސީޑެންސް ރިސާޗް” އިން ހާމަކުރި ގޮތުގައި، މި ބޭސް އީޖާދުކުރުމަށް 85.5 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވެއެވެ. އަދި ބޭސްވެރިކަމުގެ ދާއިރާގައި އޭއައި ބޭނުންކުރާ މިންވަރު 2034 ވަނަ އަހަރާ ހަމައަށް 15 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް އެ ކުންފުނިން ލަފާކުރެއެވެ.
ބޭސްވެރިކަމުގެ ސިނާއަތުގައި އޭއައިގެ ދައުރު ބޮޑުވަމުން ދިޔަ ނަމަވެސް، މިއީ އިންސާނުންގެ މަސައްކަތް އެއްކޮށް ހުއްޓާލުން ނޫންކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެމެރިކާގެ މަޝްހޫރު ބޭސް ކުންފުނި “އެލީ ލިލީ” ގެ ސީއީއޯ ޑިއޮގު ރާއޯ ވިދާޅުވީ، އޭއައިގެ ސަބަބުން މަސައްކަތްތައް އަވަސްވެ، ދިރާސާތަކަށް ބޭނުންވާ މުވައްޒަފުންގެ އަދަދު މަދުކުރެވުނު ނަމަވެސް، ސައިންސްވެރިންގެ ފަންނީ ދައުރު އަދިވެސް އޮތީ ވަރަށް މުހިންމު ފަންތިއެއްގައެވެ.


