ވަޓްސްއެޕްގެ ވީޑިއޯ އަދި ފޮޓޯ ހައިކޮލިޓީގައި ފޮނުވޭނެ ފީޗަރއެއް ނެރެނީ
ވަޓްސްއެޕްއިން ކުރިއަށް އޮތްތާންގައި ވީޑިއޯ އަދި ފޮޓޯ ހައިކޮލިޓީގައި ފޮނުވާލެވޭނެ މުހިންމު ފީޗާރއެއް ނެރޭނެކަމަށް ބުނެފިއެވެ. ޑަބްލިއު އޭ ބީޓާ އިންފޯ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވީޑިއޯ އަދި ފޮޓޯ ހައިކޮލިޓީގައި ފޮނުވޭނެ ފީޗަރ މިހާރުދަނީ ޑިވެލޮޕް ކުރަމުންނެވެ.
ހައިކޮލިޓީގެ މިފީޗަރގައި ހުންނާނެކަމަށް ބުނާ ޚާއްޞަ އޮޕްޝަން ތަކަކީ އޮޓޯ، ބެސްޓްކޮލިޓީ، ނުވަތަ ޑާޓާ ސޭވާއެވެ.
މި އޮޕްޝަން ތަކާއެކު މިފީޗަރ ރިލީޒް ކުރުމުގެ އެންމެ މުހިންމު ބޭނުމަކީ އެކިފޮޓޯ ތަކާއި، ވީޑިއޯތައް އެކިކޮލިޓީތަކުގައި ފޮނުވުމާއި، އަދި ޑާޓާ ޚަރަދު ކުޑަކުރަން ބޭނުންވާ ފަރާތަކަށް ލޯ ކޮލިޓީ އިމޭޖްގައި ނުވަތަ ލޯކޮލިޓީ ވީޑިއޯގައި ފޮނުވޭނެގޮތް ހެދުމެވެ.
އަދި އޭގެއިތުރުން މިހާރު ވަޓްސްއެޕްގައި އެފީޗަރ ނެތުމުގެ ސަބަބުން އެ އެޕްލިކޭޝަން ބޭނުން ކުރަމުންދާ ފަރާތްތަކުގެ ޝަކުވާތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
ވަޓްސްއެޕްގައި މިހާރު އެ ފީޗަރ އިންނަގޮތުން ފޮޓޯ އާއި ވީޑިއޯ ފޮނުވެނީ ކޮމްޕްރެސް ކޮށްފައެވެ. އެގޮތަށް ކޮމްޕްރެސް ކޮށްލުމުން ފޮޓޯއާއި، ވީޑިއޯގެ ކޮލިޓީ ހުންނަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
އެހެންކަމުން މި އެޕްލިކޭޝަން ބޭނުންކުރާ ގާތްގަޑަކަށް 2 ބިލިއަން މީހުން ދުނިޔޭގައި ތިބިއިރު އަލަށް ނެރޭ މި ފީޗަރއަކީ ވަޓްސްއެޕްގެ މަޤްބޫލްކަން އިތުރުވާނެ ފީޗަރއެއްކަމަށް ބެލެވެއެވެ.

