ނަފްރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ލަންދޫ ލައިފް ޖަމްޢިއްޔާގެ ފަރާތުން ބަޔާނެއް ނެރެފި
ނަފްރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ނ.ލަންދޫ އިސްލާމިކް ފްރޮންޓް ފޯރ އެޑިއުކޭޝަން (ލައިފް) ޖަމްޢިއްޔާގެ ފަރާތުން މިއަދު ބަޔާނެއް ނެރެފިއެވެ.
މިއަދު އެ ޖަމްޢިއްޔާގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، 2021 މެއި 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގައި ، ދިވެހި ލޮބުވެތި ރައްޔިތުންގެ ކަންބޮޑުވުންހުރި ގިނަ އިޞްލާޙުތަކެއް ހިމެނިފައިވީހިނދު، އަދި މިބިލަކީ ނަފުރަތުގެ ޢަމަލުތައް ހުއްޓުވުގެ ނަމުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަކަށް ވީނަމަވެސް، އެބިލު ދިރާސާކޮށް ބެލުމުން ބިލުގައި މާތްވެގެންވާ އިސްލާމް ދީނާއި، ދީނުގެ އަޞްލުތަކާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޚިލާފު ގިނަ ކަންތައްތަކެއް ހިމެނިފައިވާކަން އެ ޖަމްޢިއްޔާއަށް ވަނީ ފާހަގަކުރެވިފައި ކަމަށެވެ.
މިގޮތުން މިބިލުގެ ސަބަބުން އިސްލާމީ ޝަރީޢަތުގެ އެންމެ މުހިއްމު އެއް އަސާސްކަމުގައިވާ، ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ ދޮރު އެކީއެކަށް ބަންދުކުރެވިގެން ދާނެކަމަށް ، ރާއްޖޭގެ ވަރަށް ގިނަ ދީނީ ޢިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުން ކަމަށް އެބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދީނީ އެފަދަ މުހިންމު ވާޖިބަކަށް ހުރަސްއެޅޭފަދަ ގޮތަކަށް ޤާނޫނެއް ވުޖޫދުވެގެން އައުމަކީ، އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދުމަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ނ) ން ލާޒިމުކުރާ އުސޫލާ ޚިލާފަށް ކުރެވޭ ޢަމަލެއް ކަމުގައި އެ ޖަމްޢިއްޔާއިން ދެކޭ ކަމަށެވެ.
އަދި އެ ބިލުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށާއި މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް އިހާނެތިބަސް ބުނުން އެއީ ޤާނޫނުން ބާރު ލިބިގެން ކުރެވޭ ކަމެއްގެ ގޮތުގައި ކަނޑައަޅައި، އަދި ބިލް ތަސްދީޤުކޮށް ޤާނޫނަކަށް ބަދަލުކޮށްފިނަމަ، އެ ބިލު ފަރުމާކޮށްފައިވާގޮތުން އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތަކަށް އެ ޢަމަލުކުރުމަށް ހިތްވަރުލިބި، ބިލަކީ އެކަންކަން ކުރަން އޮންނަ ޤާނޫނީ ހިމާޔަތެއްކަމުގައިވެސް އެ ބަޔާނުގައި ވެއެވެ.
ބަޔާން ނިންމާލައިފައިވަނީ، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުންނަށްވީ ހިނދު، ސަރުކާރަށް ދިވެހިރައްޔިތުންގެ ހިތްހަމަނުޖެހުމާއި ނުރުހުންތެރިކަން އަމާޒުވެދާނެފަދަ އިޞްލާޙުތަކެއް ހިމެނިފައިވާ މި ބިލު، އަނބުރާ ގެންދެވުމަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އެ ޖަމްޢިއްޔާއިންނާއި، ނ.ލަންދޫގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި، އިލްތިމާސްކުރަމުންނެވެ. އަދި ސަރުކާރުން މި ބިލު އަނބުރާ ނުގެންގޮސްފި ޙާލަތެއްގައި މިބިލާ ދެކޮޅަށް ވޯޓުދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އަޙުމަދު ހާރޫނު އަށާއި، މަޖުލީހުގެ އެންމެހައި މެންބަރުންނަށް، އެ ޖަމްޢިއްޔާއިންނާއި ނ.ލަންދޫ ރައްޔިތުންގެ ނަމުގައި ގޮވާލަމުންނެވެ.
ނާރެސް އަށް މަޢުލޫމާތު ލިބޭގޮތުގައި މިއީ މިބިލާއި ދެކޮޅަށް ބަޔާން ނެރުނު 4 ވަނަ ޖަމްޢިއްޔާއެވެ. އިއްޔެގެ ނިޔަލަށް 31 ކައުންސިލަކުންވެސްވަނީ މި ބިލާއި ދެކޮޅަށް ބަޔާން ނެރިފައެވެ.

