ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ، އިތުރު ފުލުހެއްގެ ސައިކަލުގައި ރޭ ރޯކޮށްލައިފި އެވެ. މިކަން ހިނގާފައިވަނީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅިގެން ކަމަށް ބެލެވެއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު ‘އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސައިކަލުގައި ރޯކޮށްލާފައިވަނީ ރޭ ދަންވަރު ކަމަށެވެ. އަދި މިއީ މަސްތުވާތަކެތީގެ އޮޕަރޭޝަނާ ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝިފާން އިތުރަށް ވިދާޅުވި ގޮތުގައި ސައިކަލަށް ގެއްލުން ދީފައިވަނީ އިއްޔެ އެވެ. އަދި ސައިކަލުގައި ރޯކޮށްލާފައިވަނީ ރޭ ދަންވަރު އެވެ.
“މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަ ވެސް ބަދަލެއް ނާންނާނެކަން މިފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް ހަނދާންކޮށްދެން،” ޝިފާންގެ ޕޯސްޓުގައި ބަޔާންކޮށްފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ޝާއިއުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ރޯކޮށްލާފައިވާ ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާކަން ފާހަގަކުރެވެއެވެ.
