ޚަބަރު

އެމްޕީއެލްގެ ތެލުގެ ވަގުވިޔަފާރި ކުރީ ސޮއި ފޯޖްކޮށްގެން – ޝާހިދު

އެމްޕީއެލް ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ ތެލުގެ ވަގުވިޔަފާރި ކޮށްފައިވަނީ އެމްޕީއެލްގެ ބައެއް މުވައްޒަފުންނާއި، ފިއުލްސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުން ގުޅިގެން ސޮއި ފޯޖުކޮށްގެން ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް(އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މިމައްސަލަ ފެންމަތިވެފައިވަނީ ކޯވިޑް-19ގެ ތެރޭގައި ކުރެވުނު މަސައްކަތްތައް ބެލުމަށް ކުރެވުނު އޮޑިޓްތަކުންކަމަށެވެ. މި އޮޑިޓްތަކުން ވަނީ ނުވެސްލިބޭ ތެލަކަށް ބިލްތަކެއް ހަދާފައިވާކަން ހާމަވެފައެވެ.

މިމައްސަލާގައި މިހާތަނަށް ބެލި ބެލުމުން އެގިފައިވަނީ މިކަމަކީ ފިއުލް ސަޕްލައި މޯލްޑިވްސްގެ މުވައްޒިފުންނާއި އެމްޕީއެލްގެ މުވައްޒަފުންތަކެއް ގުޅިގެން ސޮއިފޯޖުކޮށްގެން ހިންގާފައިވާ ވައްކަމެއްކަމަށް އެގިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިކަމުގައި ޢަމަލީ ގޮތުން އުޅުއްވި މުވައްޒަފަކު މިކަން ހިނގައިދިޔަގޮތް ކިޔައިދީ، އިއުތިރާފުވެފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޕީއެލްއަކީ 24 ގަޑިއިރު މަސައްކަތް ކުރާ ތަނަކަށްވާއިރު ކުރާ މަސައްކަތުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ތެލަށްކަމަށެވެ. މިމައްސަލަ ފެންމަތިވެ ބޯޑަށް ހުށަހެޅުމަށްފަހު މައްސަލައަކީ ވައްކަމުގެ މައްސަލައެއްކަމަށް ވުމުން މިހާރު މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އޭސީސީއާއި، ފުލުހުންނާއި އޮޑިޓަ ޖެނެރަލަށް ހުށަހަޅާފައިވަކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި މިހާރު ފުލުހުން މިމައްސަލަ ތަހުގީގް ކުރަމުންދާކަމަށާ، މިމައްސަލައާ ގުޅުންހުރި މުވައްޒަފުން މިހާރުވަނީ ގޭގައި މަޑުކުރަން އަންގާފައިކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކަކީ، އެ ކުންފުނިން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެއްކަމަށާ، މިފަދަ އަމަލެއްގައި ޝާމިލްވާ މުވައްޒަފުންނާމެދު، އެކުންފުނިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close