ކޮވިޑަށްވުރެ މާނުރައްކާ ބައްޔެއް ފެނިދާނެކަމުގެ އިންޒާރު ޑަބްލިޔުއެޗްއޯއިން ދީފި
ކޮވިޑް ކޮންޓްރޯލްނުވެ މިދާގޮތަށް ދާންވެއްޖެނަމަ ކޮވިޑަށްވުރެވެސް މާނުރައްކާތެރި އަދި މާގިނައިން މީހުން މަރުވާނެ ބައްޔެއް ދުނިޔެއިން ފެނިދާނެކަމުގެ އިންޒާރު ޑަބްލިއުއެޗްއޯއިން ދީފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އެދަނޮމް މިފަދަ ބިރުވެރި އިންޒާރެއް ދެއްވީ އދ.މެންބަރު ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުން ނިންމުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޓެޑްރޯސް ވިދާޅުވީ ސްޕީޝީސްއަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ އެހެން ވެސް ބަދަލެއްގެ ސަބަބުން ބޮޑު ބަލިމަޑުކަމެއް ފެތުރިގެން ދިއުން އެއީ ދުރުގައި އޮތް ކަމެއް ނޫން ކަމަށެވެ.
“ގޯހެއް ނުހައްދަވާ ހުރިހާ އަމަލުތަކެއް ވެސް އެންމެ ރަނގަޅަށް ބަހައްޓަވާ. މިއީ ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް ކުރިމަތިވާނެ އެންމެ ފަހު ފަހަރެއް ނޫން. ކޮވިޑަށް ވުރެ މާނުރައްކާތެރި ވައިރަސް އަކާއި ކުރިމަތިވުމުގެ ފުރުސަތު އެބައޮތް. އެއީ ކޮވިޑް-19 އަށްވުރެ މާފަސޭހައިން ފެތުރޭ، މާނުރައްކާތެރި މާގިނަ މީހުން މަރުވާ ބައްޔަކަށް ވެގެން ހިނގައިދާނެ.” ޓެޑްރޯސް ވިދާޅުވިއެވެ.
ޓެޑްރޯސް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށާއި، އަދި ވެކްސިން ޖެހި ނަމަވެސް ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައިގެން ތިބުން ވެސް އެހައި މުހިއްމު ކަމަށެވެ.
ޓެޑްރޯސް ވަނީ ކޮވިޑް-19 ވެކްސިން ފަގީރު ގައުމުތަކަށް ފޯރުކޮށްދިނުމަށް އދ.އިން އިސްވެ އުފައްދާފައިވާ ގާވީ ޕްރޮގްރާމަށް ވެކްސިން ހަދިޔާ ކުރުމަށް ފޯރުންތެރި ގައުމުތަކަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.
ދެން ފެންނާނީ ކޮވިޑަށް ވުރެ ނުރައްކާ، މާގިނަ މީހުން މަރުވާ ބައްޔަކަށް ވެދާނެ ކަމަށް ޓެޑްރޯސް ވިދާޅުވެފައި ވާއިރު ކޮވިޑް-19 އާއި ދުނިޔެ ކުރިމަތިލާން ޖެހުނީ ވެސް ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެދާނެ ކަމާއި އެކަމަށް ތައްޔާރުވެ ތިބެން ޖެހޭނެ ކަމަށް އެތައް ތަޖުރިބާކާރުންނެއް ވިދާޅުވަމުން ގެންދަވާތާ އެތައް އަހަރެއް ފަހުންނެވެ.
ތަޖުރިބާކާރުން އެފަދަ އިންޒާރުތައް ދެއްވަމުން ގެންދެވި ނަމަވެސް ޑަބްލިއުއެޗްއޯ އާއި އަދި އެހެން ގައުމުތަކުން ވެސް މިފަދަ ބަލި މަޑުކަމަކަށް ތައްޔާރުވެފައެއް ނެތެވެ.
