ޒިންމާ
ވާހަކަ ލިޔުނީ : އައިޝަތު ޝާލިނީ
އަހަރެންނަކީ ވަރަށް އުފާވެރި އާއިލާ އަކަށް އުފަންވި ކުއްޖެކެއެވެ . މަންމަ އާއި ބައްޕަގެ ހަމަ އެކަނި ދަރިފުޅުކަމުން އަހަރެންނަށް މައިންބަފައިންގެ ފަރާތުން އިންތިހާ ދަރަޖައިގެ އަޅާލުމާއި އުފާ ލިބުނެވެ. ދުވަސް ތަކެއްނުވެ އަހަރެންގެ މަންމަ އަށް އަންހެން ކުއްޖެއް ލިބުނެވެ. ރާޅު ބާނިތަކެއް ފަދަ މުށި ކުލައިގެ އިސްތަށިގަނޑެއް އަހަރެންގެ ކޮއްކޮއަށް ލިބިފައިވެއެވެ. އަހަރެންގެ ކޮއްކޮ ދެކެ އަހަރެން އިންތިހާއަށް ލޯބި ވެއެވެ.
އެއީ އުޑުމަތި ބިއްލޫރި ގަނޑެއްހާ ސާފު ދުވަހެކެވެ. އެހެންކަމުން އެދުވަހު އަހަރެން އާއި އަހަރެންގެ އާއިލާ މޫދަށް ދިޔުމަށް ތައްޔާރުވީމެވެ. ނަމަވެސް ދެރައީ މި ދަތުރުގައި ބައްޕައަށް ނުދެވޭތީއެވެ. އަހަރެންނާއި އަހަރެންގެ މަންމަ އަދި ކޮއްކޮ ދިޔައީ ރަށުގެ ބަންޑާރަފަޅި އާއި ދިމާއަށެވެ.
ބަންޑާރަފަޅީގައި ކަފަ ކޮޅެއްހާ ހުދުކަން ގަދަ ބޮޑު ވެލިގަނޑެއް އަދި އެހާމެ ރީތި މޫދަކާއި ފެހިކަން ގަދަ ގަސްތައް އޮވެއެވެ. ގަޑިއެއްހާއިރު ފަހުން އަހަރެމެން އެންމެން ގެއަށް އައީމެވެ. ގެއަށް އައިތާ މާގިނަ އިރުތަކެއް ނުވެ ބައްޕަ ގެއަށް އައެވެ. ގެއަށް އާއިރު ބައްޕަ އާއެކު އަދި އެހެން އަންހެނަކުވެސް އައިސް ހުއްޓެވެ. އަހަރެން ބައްޕައާއި އެއީ ކާކުތޯ ސުވަލު ކުރީމެވެ. ” މަންމަ އަށް ވަޒީފާއަށް ދާ ވަގުތުގައި ދަރިފުޅުމެން ބަލަން ވެގެން ގެނެސްހުރި ދައްތަ އެއް. މި ދައްތަގެ ނަމަކީ ސަމާ”. މިހެންބުނެ އެދައްތައަށް ހުރިހާ އެއްޗެއް ކިޔައިދީ އޮޅުން ފިލުވައިދިނެވެ.
އޭގެ އަނެއް ދުވަހެވެ. މަންމަ ވަޒީފާއަށް ދިޔުމުން ގޭގައި ހުރީ ދައްތަ އެވެ. އަހަރެން ފާޚާނާއަށް ވަދެ ތައްޔާރުވެލައިގެން ސައިބޯން ހުއްޓާ ކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ. އެއީ ކޮއްކޮގެ އަޑުކަން އަހަންނަށް ވަގުތުން އިނގުނެވެ. އަހަރެން ފަޔަށް ބާރުލައި ދުއްވައިގަތީ ކޮއްކޮ ހޯދުމަށެވެ. އޭރު އެދައްތަ ހުރީ ފޯރީގައި ‘ޕަބްޖީ’ކުޅޭށެވެ. އަހަރެން ގަޔަށް ބާރުލައި ހަޅޭއްލައްވައިގަތީމެވެ. ” އަހަރެންގެ ކޮއްކޮ ކޮބާ؟ ދައްތަ މި ގެއަށް ގެނައީ ގޭމު ކުޅެންތަ؟ ނޫނީ އަހަރެންނާއި ކޮއްކޮ ބަލަން ތަ؟”.
މިހެން ބުނުމުން ސަމާ ސިއްސައިގެން އަވަހަށް ކޮއްކޮ ހޯދަން ފެށިއެވެ. އަހަރެންވެސް ދުއްވައިގަތީ ކޮއްކޮ ހޯދާށެވެ. ބައްޕަ އާއި މަންމަ އަށް މި ޚަބަރު ލިބުމުން ގެއަށް އައިސް ހޯދަން ފެށިއެވެ. މާގިނަ އިރުތަކެއް ނުވެ ބައްޕަ އަށް ކޮއްކޮ ފެނުނީ ވަޅު ތެރެއިންނެވެ. ނަސީބަކުން ކޮއްކޮއަށް މާ ބޮޑުކަމެއް ނުވެ ސަލާމަތްވިއެވެ. ބައްޕަ މިކަމާ ވަރަށް ބޮޑަށް ރުޅިއައިސް ސަމާ އާއި ދިމާލަށް އެއްޗެހި ގޮވިއެވެ. އަދި ޕޮލިހުގައި އެމައްސަލަ ޖެއްސުމަށް ބޭނުންވިއެވެ. އެހެނަސް މަންމަ އޭނާ މާފަށް އެދުމުން މައާފުކުރިއެވެ. ބަދަލުގައި އެއްވެސް އެއްޗެއް ނުލިބޭނެކަމުގައި ބުންޏެވެ. ތިމާ ހަވާލުވާ ކަމަކާއި ޒިންމާދާރު ނުވާނަމަ ލިބޭނެ އުޒޫރައެއް ނޯންނާނެ ކަމުގައި ބައްޕަ ބުންޏެވެ. އެންމެ ފަހުން އެގެއިން ނިކުތުމަށް ސަމާއަށް އެންގިއެވެ. މަޢާފަށް އެދެމުން ނިކަން ދެރަވެ ހުރެ ސަމާ ނިކުމެގެން ދިޔައީއެވެ.
