ކޯވިޑް-19: އިޓަލީއަށްވުރެ އެމެރިކާގެ ޙާލަތު ގޯސްވެދާނެކަމަށް ސިއްޙީ މާހިރުންބުނެފި
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 އެމެރިކާގައި ޖެހޭ މީހުންގެ ރޭޓަށްބަލާއިރު އިޓަލީއަށްވުރެ އެމެރިކާގެ ޙާލަތު ގޯސްވެދާނެކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭކަމަށް އެމެރިކާގެ ޑޮކްޓަރުން ބުނެފިއެވެ.
ސީއެންއެން ގައި މިއަދު ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައިވާގޮތުން އެމެރިކާގައި އެނެމެ ގިނަމީހުންނަށް ކޮވިޑް ޖެހެމުންދަނީ ނިވްޔޯކްސިޓީގައެވެ. އެ ސިޓީގެ ހުރިހާ ހޮސްޕިޓަލެއް މިހާރު ފުރުމަކާއި ގާތްވެފައިވާއިރު ވެންޓިލޭޓަރާއި، އެނދުތައް ވަނީ ހުސްވެފައެވެ.
ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކޮރޯނާ ޖެހިފައި ތިބި މީހުންގެ އަދަދު މިވަނީ 468,905 އަށް އަރައިފައެވެ. މަރުވި މީހުންގެ އަދަދު މިވަނީ 21,200 އަށް އަރައިފައެވެ. މިބާރުމިނުގައި ބަލި ފެތުރެމުން އަންނަނަމަ ބަލިޖެހޭ މީހުންގެ އަދަދު މިލިއަނަކަށް ދާދިއަވަހަށް އެރުމަކީ ދުރުކަމެއް ކަމަށް ބެލެވޭކަށް ނެތެވެ!
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކަމަށްބުނާ އެމެރިކާއަށް ބަލާއިރު އެޤައުމުގައި ފުރަތަމަ ބަލިޖެހުނީ 60 ން މަތީގެ ޢުމުރުފުރާގެ މީހުންނަށް ކަމުގައިވިޔަސް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 50 އަހަރުންދަށުގެ އެތައްބަޔަކުވަނީ އެބައްޔަށް ފައްސިވެފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އެމެރިކާގައި މިހާތަނަށް ކޮވިޑަށް ފައްސިވެފައި 66,048 މީހުން ތިބިއިރު 944 މީހުން ވަނީ މަރުވެފައެވެ.
ޑަބްލިޔޫއެޗްއޯ އިން މިހާރު ވަނީ ކޮރޯނާ ވައިރަސް ދުނިޔެއަށް ފެތުރޭ މައިމަރުކަޒަކަށް އެމެރިކާ ވެދާނެކަމުގެ އިންޒާރު ވެސް ދީފައެވެ. ޖެނީވާގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ތަރްޖަމާނާ މާގްރެޓް ހެރިސް ބުނީ ދުނިޔޭގައި ދެވަނައަށް ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރެމުންދަނީ އެމެރިކާގައި ކަމަށެވެ. އަދި އެބާރު މިނުގައި ފެތުރެމުންދާނަމަ އެއްވަނަ ޤައުމަކަށް އެމެރިކާވެދާނެކަމަށެވެ.
އެމެރިކާއިން ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ ނިޔު ޔޯކް ފަދަ ކޮރޯނާ ވައިރަސް އެންމެ ހަލުއިކަމާއެކު ފެތުރޭ އއެޤައުމުގެ ސްޓޭޓްތަކުގައި އެކަން އަތްނުފޯރާ ފަށަށް ހިނގައިދާނެކަމުގެ އިންޒާރުވެސް ތަރުޖަމާނު ވަނީ ދީފައެވެ.
ކޮރޯނާ ވައިރަސް ދުނިޔޭގައި ފެތުރެމުން އަންނަ ގޮތަށް ބަލައިފި ނަމަ ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށްދާވަރަކަށް ފެތުރެމުން އަންނަ ހަލުއިމިން ވަނީ ބާރުވެފައެވެ. އެއީ ޕޮޒިޓިވްވާ ކޮންމެ މީހެއްގެ ސަބަބުން އިތުރު އެތައް ބައަކަށް ބަލިޖެހެމުންދާތީއެވެ.
