ޚަބަރު

ހައުސިން މިނިސްޓްރީގެ އަލިފާނުގެ ހާދިސާގެ ހަގީގަތް ވަޒީރު އިޙްސާން ސާފުކޮށްދެއްވައިފި

ނޮވެމްބަރު 2024 ގައި ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ހިންގި ކަމެއް ނޫންކަން، އެ ހާދިސާ ހިނގި ވަގުތު އެންމެ ފުރަތަމަ ސީނަށް ދިޔަ ފުލުހުންގެ ބޮޑީކެމް ފުޓޭޖުން ސާބިތުވެފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު އަހްމަދު ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބޭރު ގައުމުތަކުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގު މިހާރު މުޅިން ނިމިފައިވާ ކަމަށެވެ. އަދި އެ ތަހުގީގުން ކަށަވަރުވެފައިވަނީ އެއީ ބަޔަކު ގޮސް އަލިފާން ޖަހައިގެން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ.

އިހުސާން ފާހަގަކުރެއްވި ގޮތުގައި، އަލިފާން ރޯވާން މެދުވެރިވީ އިމާރާތުގެ ސީލިންގް ތެރޭގައި ހުރި އެއާކޮންޑިޝަން ސިސްޓަމެއްގެ ވަޔަރުތަކެއްގައެވެ. އެކަން އެންމެ ފުރަތަމަ ސީނަށް އެޓެންޑްވި ފުލުހުންގެ ބޮޑީކެމް ވީޑިއޯ ފުޓޭޖުން ސާފުކޮށް ފެންނަން ހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާގެ ފުރިހަމަ ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އާންމުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން، އެ ހާދިސާގައި ދައުލަތަށް ލިބުނު މާލީ ގެއްލުމުގެ ސީދާ ތަފްސީލު އަދި ލިބިފައިނުވާތީ، އެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close