ޚަބަރު

އިހަވަންދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއެއް އެއްކޮށް އަނދާހުލި

އިހަވަންދޫގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް

ހއ. އިހަވަންދޫގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއެއް އެއްކޮށް އަނދާހުލި ވެއްޖެއެވެ.

އަލިފާނުގެ މި ހާދިސާ ހިނގީ އެ ރަށު ނަލައައްސޭރި ގޭގައެވެ. މިއަދު ހެނދުނު 11:00 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާން ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮންޓްރޯލުކޮށް ނިއްވައިލެވުނީ މެންދުރު 1:15 ހާއިރުއެވެ.

އޮންލައިން ނޫސް އިހަވަންދޫ ޑޮޓް ކޮމްގައި ރިޕޯޓްކޮށްފައިވާގޮތުގައި އެގޭގެ ކުއްޖަކު އަލިފާނާ ކުޅުމުގެ ތެރޭގައި އަލިފާންރޯވީ ގިނަ އަދަދެއްގެ ލަކުޑި ރައްކާކޮށްފައި ހުރި ބައެއްގައެވެ. އަލިފާން ކޮންޓްރޯލުވީ ރަށުގެ ރައްޔިތުން ނިކުމެ ގުޅިގެން ކުރި މަސައްކަތުން މޫދަށް ހޮޅި ގުޅައިގެން ޕަމްޕު މެދުވެރިކޮށް ކުރި މަސައްކަތުންކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި ހާދިސާގައި އެ ގޭގެ ދެ ކޮޓަރިއެއް ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ. މީހަކަށް ޖިސްމާނީ އަނިޔާއެއް ނުލިބުނު ނަމަވެސް އެކަކަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ އެ މުއައްސަސާއިން މި ހާދިސާއަށް އެޓެންޑްވެފައި ނުވާކަމަށެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވަނީ މި ހާދިސާއާއި ގުޅިގެން އެ ގޭގައި އެވަގުތު ދިރިއުޅުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ރަށުގެ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close