
ފީފާގެ މުބާރާތްތަކުގެ ކޮންޓްރޯލް އަމިއްލަ އިންވެސްޓަރުންނަށް ލިބޭގޮތަށް އަދި ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލެވޭ ގޮތަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިސްވެ ހިންގަވަން އުޅުއްވި “ފީފާ ފޯވާޑް އެންޓަޕްރައިސް” (އެފްއެފްއީ) ޕްލޭން ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް ފީފާއިން ނިންމައިފިއެވެ.
ޖުމްލަ 20 ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓް ޕްލޭނަކީ އިންފަންޓީނޯއާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ގުޅުންހުރި ކުންފުންޏަކަށް މައިގަނޑު ހިއްސާ ލިބޭގޮތަށް ރޭވިގެންދިޔަ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މި މަޝްރޫއު ފާސްކުރުމަށްޓަކައި ފީފާގެ މެމްބަރު 211 ގައުމުގެ ވޯޓު ބޭނުންވާއިރު، އެއްކޮޅަށް ވޯޓުދޭ ކޮންމެ ގައުމަކަށް އަހަރަކު 40 މިލިއަން ޑޮލަރު ދިނުމަށްވެސް ފީފާއިން އޮތީ ހުށަހަޅާފައެވެ.
އެހެންނަމަވެސް، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ (ޔުއެފާ)، އުތުރު/ސެންޓްރަލް އެމެރިކާގެ އިދާރާ (ކޮންކަކަފް) އަދި އޭޝިއާގެ އިދާރާ (އޭއެފްސީ) ހިމެނޭހެން 100 އަށްވުރެ ގިނަ ގައުމުން ވަނީ މި ޕްލޭނާ ދެކޮޅަށް ތެދުވެފައެވެ. މީގެ އިތުރުން އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު ކާލޯސް ކޯޑެއިރޯ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ފީފާގެ އެތެރޭގެ ޕްރެޝަރު ބޮޑުވެ، އެންމެ ފަހުން މި މަޝްރޫއު މުޅިން ދޫކޮށްލަން އިންފަންޓީނޯއަށް ވަނީ މަޖުބޫރުވެފައެވެ.
މި ނިންމުމާ ގުޅިގެން ފީފާއިން ނެރުނު ބަޔާނެއްގައި އިންފަންޓީނޯ ވިދާޅުވީ، މި ޕްރޮޖެކްޓުގެ ސަބަބުން ބައިބައިވުން އުފެދެމުންދާތީއާއި ބޭނުންވި މަގުސަދު ހާސިލުނުވާނެތީ މި ޕްރޮޕޯސަލް އިތުރަށް ކުރިއަށް ނުގެންދާނެ ކަމަށެވެ. މިއީ 2016 ވަނަ އަހަރު ފީފާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންފަންޓީނޯއަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީއެވެ.
