މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންހިންގި އޮޕަރޭޝަން ތަކެއްގައި ތިންމީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އޮޕަރޭޝަން ތަކެއްގައި ތިންމީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ ޕޮލިސްލައިފް ގައި ބުނެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތ. އަތޮޅުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފި ކަމުގައެވެ.
އެގޮތުން ތިމަރަފުށީގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހު 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، ތިމަރަފުށި މަގުމަތިން އެމީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް އޭނާގެ އަތުން ފެނިފައިވެއެވެ.
މަޑިފުށީގައި ހިންގި އޮޕަރޭޝަނަކީ މަޑިފުށީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު މަޑުފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 18 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފައިވެއެވެ.
މަޑިފުށީ މަގުމަތިން އެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.

