ޚަބަރު

ރާއްޖޭގެ 13 ރަށެއްގައި 2,100 ހައުސިންގ ޔުނިޓް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ

މާލެ ސަރަހައްދުން ބޭރުގައި ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ “ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް” ގެ ދަށުން، ރާއްޖޭގެ 13 ރަށެއްގައި 2,100 ހައުސިންގ ޔުނިޓް އިމާރާތްކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ފުރުޞަތު ހުޅުވާލައިފިއެވެ.

ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ކުރިއަށްގެންދާ މި ބިޔަ މަޝްރޫއަކީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ރަށްތައް ރޭވުންތެރިކަމާއެކު ތަރައްގީކޮށް އިމާރާތްކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން، “ބިލްޑް-އެންޑް-ސެލް” މޮޑެލްގެ ދަށުން އިންޖިނިއަރިންގް، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) މެތަޑަށެވެ. އެހެންކަމުން މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމާއި، ކުރެހުން ތައްޔާރުކުރުމާއި، އިމާރާތްކުރުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ ހޮވޭ ޑިވެލޮޕަރުންނެވެ. ސަރުކާރުން ބިން ހިލޭ ފޯރުކޮށްދޭއިރު، ބިން ހަވާލުކުރާތާ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި ޔުނިޓްތައް ހަވާލުކުރަންޖެހެއެވެ.

މި މަޝްރޫއުގެ ދަށުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސައްތަ އިންސައްތަ ދިވެހިންގެ މިލްކުވެރިކަން އޮންނަ ކުންފުނިތަކަށެވެ. އަދި ޑިވެލޮޕަރުންނަށް އެއް މަޝްރޫއަށްވުރެ ގިނަ މަޝްރޫއުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ. މި ސްކީމްގެ ދަށުން ތަރައްޤީކުރާ ކޮންމެ ޕެކޭޖެއްގެ މަދުވެގެން %60 ޔުނިޓް ވިއްކަންޖެހޭނީ ސޯޝަލް ހައުސިންގްގެ ގޮތުގައެވެ. ބާކީ %40 ޔުނިޓް މާކެޓް ރޭޓުގައި ވިއްކުމުގެ އިޚްތިޔާރު ޑިވެލޮޕަރުންނަށް ލިބިގެންވެއެވެ.

މި މަޝްރޫއުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ މަދުވެގެން 900 އަކަފޫޓު ހުންނަ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މީގެ ތެރެއިން ސޯޝަލް ހައުސިންގްގެ ގޮތުގައި އެޕާޓްމަންޓެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.5 މިލިޔަން ރުފިޔާއެވެ. މި އިމާރާތްތަކުގެ އެންމެ ތިރީގައި ވިޔަފާރީގެ ބޭނުންތަކަށް ޖާގަ ހަދަންޖެހޭއިރު، ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޕާކުކުރާނެ ހިލޭ ޖާގައެއް ދޭންޖެހެއެވެ. ނަމަވެސް ކާރު ޕާކިންގް ޖާގަ ވަކިން ވިއްކުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް ލިބޭނެއެވެ.

މި މަޝްރޫއުގައި ހައުސިންގ ޔުނިޓްތައް އަޅަން ކަނޑައަޅާފައިވާ ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށިން 100 ޔުނިޓް، ރ. އުނގޫފާރުން 100 ޔުނިޓް، ބ. ތުޅާދޫން 50 ޔުނިޓް، ޅ. ނައިފަރުން 300 ޔުނިޓް، މ. މުލިން 100 ޔުނިޓް، އަދި ދ. މީދޫން 100 ޔުނިޓް ހިމެނެއެވެ. މީގެ އިތުރުން ލ. ގަމުން 200 ޔުނިޓް، ތިނަދޫ ސިޓީން 300 ޔުނިޓް، ފުވައްމުލައް ސިޓީން 300 ޔުނިޓް ހިމެނޭއިރު، އައްޑޫ ސިޓީގެ ހިތަދޫން 300 ޔުނިޓް، ފޭދޫން 200 ޔުނިޓް، މަރަދޫ ފޭދޫން 25 ޔުނިޓް އަދި މަރަދޫން 25 ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ބޮޑެތި އިނާޔަތްތަކެއް ވެސް އިއުލާނުކޮށްފައެވެ. އެގޮތުން، އަލަށް ގެދޮރު ގަންނަ ފަރާތްތަކުން ގަންނަ ސޯޝަލް ހައުސިންގ ޔުނިޓްތަކާއި މާކެޓް ރޭޓް ޔުނިޓްތަކުން ޖީ.އެސް.ޓީ ދައްކާކަށް ނުޖެހޭނެއެވެ. އަދި މަޝްރޫއަށް ބޭނުންވާ ތަކެއްޗާއި މެޝިނަރީ އިމްޕޯޓްކުރުމުގައި ޑިއުޓީ އިސްތިސްނާ ކުރެވޭނެއެވެ. މީގެ އިތުރުން، މަޝްރޫއުގެ %20 މަސައްކަތް ނިމުމުން، ފައިނޭންސް ހޯދުމަށްޓަކައި ތަރައްގީކުރުމާއި ވިއްކުމުގެ ހައްގުތައް ރަހުނުކުރުމުގެ ފުރުސަތު ވެސް ވުޒާރާގެ ހުއްދައާއެކު ޑިވެލޮޕަރުންނަށް ލިބޭނެއެވެ.  

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބޭނުންވަނީ މާލީ ގޮތުން ދެމެހެއްޓެނިވި، ފެންވަރު ރަނގަޅު، އަދި ގައުމީ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުޖުތަމައާ ގުޅޭ ރެސިޑެންޝަލް މަޝްރޫއުތަކެއް ހިންގާނެ ފަރާތްތަކެކެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ސާފުކުރަން ބޭނުންވާ ކަންކަން ލިޔުމުން [email protected] އަށް އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ހުށަހަޅަންޖެހެއެވެ. އަދި ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލްތައް އިލެކްޓްރޯނިކްކޮށް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close