ހުޅުމާލެއާއި މާލެއާއި ދެމެދު އިތުރު ފެރީއެއް ބާއްވަނީ
އެމްޓީސީސީގެ އިތުރުފެރީއެއް ހުޅުމާލެއާއި މާލެއާއި ދެމެދު ބާއްވަން އެކުންފުނިން ނިންމައިފިއެވެ.
އެކުންފުނިން މިފެރީ ހަމަޖައްސަންނިންމީ ސްކޫލް ދަރިވަރުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށް އެކުންފުނިން ބުނެއެވެ.
އެމްޓީސީސީން ބުނީ ހެނދުނު ފަސްގަޑި ތިރީހުގައި ފެރީގެ ޚިދުމަތް ފަށާއިރު، ފެރީގެ ޚިދުމަތް ދެނީ ކޮންމެ ބައިގަޑިއިރުންކަމަށެވެ. ނަމަވެސް މިގޮތަށް އޮތުމުން ހައެއްޖަހާއިރު އޮންނަ ފެރީއަށް ނެރޭ ދަރިވަރުން ދެން އަރަންޖެހެނީ ހަގަޑި ތިރީހުގައި އޮންނަ ފެރީއަށްކަމަށާއި އެކަމުގެ ސަބަބުން ގަޑިއަށް ސްކޫލަށް ނުދެވުމުގެ މައްސަލަ ދަރިވަރުންނަށް ކުރިމަތިވާކަމަށެވެ. އެހެންކަމުން ހަގަޑި ފަނަރައިގައި އިތުރު ފެރީއެއް ބޭއްވުމަށް ނިންމާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
ސިނަމާލެ ބުރިޖު ހުޅުވުމާއެކު އެމް.ޓީ.ސީ.ސީގެ ފެރީގެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. އެހެން ނަމަވެސް ޙިދުމަތް ރަނގަޅު ފެންވަރެއްގައި ދިނުމަށް އެމް.ޓީ.ސީ.ސީން ކުރާ މަސައްކަތަށް ބަދަލެއް ނާންނާނެކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ހުޅުމާލެއާއި މާލެއާ ދޭތެރޭ ދަތުރުކުރުމަށް މިހާރު ބޭނުންކުރަނީ ޕްރިމިއަމް ފެރީކަން ފާހަގަކޮށްލެވެއެވެ.
