މަސްވެރިކަމުގެ ހީނަރުކަމަށްފަހު އުއްމީދީ ނިޝާންތަކެއް؛ ދުވާލަކު 50 ޓަނު މިފްކޯއަށް ކިރުވަން ފަށައިފި

ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ މަސްވެރިކަން ބޮޑުތަނުން ދަށަށް ދިއުމަށްފަހު، މިހާރު މަސްވެރިކަން އަލުން ރަނގަޅުވާން ފަށާފައިވާ ކަމުގެ އުއްމީދީ ނިޝާންތަކެއް ފެންނަމުންދާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ހޫނު މޫސުމުގެ ދުވަސްތަކަށްފަހު މަސްވެރިކަން އާލާވާން ފަށާފައިވާއިރު، މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 މެޓްރިކް ޓަނުގެ މަސް ދަނީ ކިރުވަމުންނެވެ.
ޤައުމީ މަސް ކުންފުންޏަށް މަސްވެރިން ކިރުވި މަހުގެ މިންވަރަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު ހީނަރުކަމެއް އައީ ނިމިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އެ މަހު މަސްވެރިންނަށް އާމްދަނީގެ ގޮތުގައި ދޫކުރެވިފައިވަނީ އެންމެ 11.3 މިލިޔަން ރުފިޔާއެވެ. މިއީ މިއަހަރުގެ ތެރޭގައި މަސްވެރިކަމުން އެންމެ ދަށް އާމްދަނީއެއް ލިބުނު މަހަށް ވާއިރު، ބައެއް ދުވަސްތަކުގައި މުޅި ރާއްޖެއިން ކިރުވި މަހަށް ދޫކުރަން ޖެހުނީ އެންމެ ދެލައްކައެއްހާ ރުފިޔާއެވެ.
މިއާ ޚިލާފަށް މިއަހަރުގެ ތެރޭގައި އެންމެ ރަނގަޅު މަސްވެރިކަމެއް ރިކޯޑު ކުރެވިފައިވަނީ އެޕްރީލް މަހުއެވެ. އެ މަހުގެ ތެރޭގައި މަސްވެރިން ބޭނި މަހަށް މިފްކޯއިން 78.8 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ އިތުރުން ޖަނަވަރީ މަހު 40.3 މިލިޔަން، ފެބްރުވަރީ މަހު 20.3 މިލިޔަން، މާރިޗު މަހު 29.3 މިލިޔަން އަދި މެއި މަހު 31 މިލިޔަން ރުފިޔާ މަސްވެރިންނަށް ބޭނި މަހުގެ އަގުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މަސްވެރިކަމުގެ ތާރީޚީ ހިސާބުތަކަށް ބަލާއިރު، ޖޫން މަހާއި އޯގަސްޓް މަހަކީ ހުޅަނގު މޫސުމުގެ ގަދަވުމާއެކު އެންވެރިކަން ދަށްވެ، ރާއްޖޭގައި އާންމުކޮށް މަސްވެރިކަން ވަރަށް ބޮޑަށް ފާސްވާ ދުވަސްވަރެކެވެ. އެހެންނަމަވެސް، މިފްކޯއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މަސް ބޭނޭ މިންވަރު އިތުރަށް މަތިވަމުންދާނެއެވެ. އަދި މިވަގުތު ރާއްޖޭގެ ނިސްބަތުން މަސްވެރިކަން އެންމެ ރަނގަޅީ ޅަވިޔަނި އަތޮޅު ހިމެނޭ ސަރަހައްދަށް ކަމަށްވެސް އެކުންފުނިން ފާހަގަކުރެއެވެ.
މަސްވެރިކަން ދަށްވި ނަމަވެސް، އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ދިވެހި ކަނޑުމަހުން ނަގަމުންދިޔަ ޓެރިފް ކަނޑާލުމާ ގުޅިގެން މިފްކޯއިން ވަނީ މަސް ގަންނަ އަގު ބޮޑުކޮށްފައެވެ. އެގޮތުން ނިމިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ބަނދަރުތަކަށް ކިރުވާ މަހުގެ ކިލޯއަކަށް 20 ރުފިޔާގެ މަގުން ދަނީ ފައިސާ ދެމުންނެވެ.

