ރޮނަލްޑޯގެ ޕޯޗުގަލުވެސް ދެވަނަބުރަށް
މިފަހަރުގެ ޔޫރޯފުޓްބޯޅަ މުބާރާތުގެ ތެރެއިން ދުނިޔޭގެ ފުޓްބޯޅައިގެ އެތައް ރެކޯރޑެއް ޤާއިމުކުރަމުން ގެންދާ ކުރިސްޓިއާނޯ ރޮނަލްޑޯގެ އިތުރު ރެކޯރޑަކާއި އެކު ރޭގެމެޗުން ފްރާންސްގެ މައްޗަށް 2-2 ގެ ނަތީޖާ އަކުން އެއްވަރުކޮށް ރޮނަލްޑޯގެ ޕޯޗްގަލް ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.
ރޭގެ މިމެޗުގައި ޕެނަލްޓީއިން ކާމިޔާބުކުރި ދެ ލަނޑާއިއެކު ގައުމީ ޓީމަށް ޖުމުލަ 109 ވަނަ ލަނޑު ކާމިޔާބުކޮށް ރޮނާލްޑޯ މިވަނީ، އިރާންގެ ފުޓްބޯޅަ ލެޖެންޑް އަލީ ދާއީ ހަދާފައިވާ ރެކޯޑާ ހަމަހަމަ ކޮށްފަ އެވެ.
ރާއްޖޭގެ ގަޑިން ރޭ ދަންވަރު 12.00 ގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ޖެހި ލަނޑު ތަކަކީ ވެސް ސުވާލު އުފެދުނު ގޮތަކަށް ލިބުނު ދެ ޕެނަލްޓީން ޖަހާފައިވާ ދެ ލަނޑެވެ. މިގޮތުން ޕޯޗްގަލްއަށް ލިބުނު ޕެނަލްޓީން އެޓީމަށް ލީޑް ނަގައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި ފުރާންސަށް ލިބުނު ޕެނަލްޓީން ނަތީޖާ ހަމަހަމަ ކޮށްދިނީ ކަރީމް ބެންޒެމާ އެވެ.
ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓްގައި ޕޯލް ޕޮގްބާ ދިން ބޯޅައިން ބެންޒެމާ ފްރާންސަށް ލީޑް ނަގައިދިނެވެ. ބެންޒެމާ އޮފްސައިޑް ކަމަށް ބެލެވުނު ނަމަވެސް ވީއޭއާރުން ދެއްކީ އޭނާ އޮފްސައިޑް ނުވާ ކަމަށެވެ. ރޭގެ މެޗުގައި ޕޯޗުގަލުގެ ދެވަނަ ގޯލަކީވެސް އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްފައިވާ ގޯލެކެވެ. މިއީ ފްރާންސްގެ އޭރިއާގެ ތެރެއިން ރޮނާލްޑޯ ގޯލް ކުރިމައްޗަށް ނަގައިދޭން އުޅުނު ބޯޅަ ޖޫލްސް ކުންޑޭ އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީވެސް ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ، ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑްއާއި ހަމަހަމަ ކޮށްފައެވެ.
ރޭ ކުޅެވުނު މި ގްރޫޕުގެ މެޗުތަކުގެ ނަތީޖާއަށްފަހު ގްރޫޕްގެ 1 ވަނަ ފަސް ޕޮއިންޓާއެކު ހޯދީ ފްރާންސްއިންނެވެ. ރޭ ކުޅެވުނު މެޗުގައި ހަންގޭރީ އާ އެއްވަރު ކުރި ޖަރުމަނަށް ލިބެނީ ދެ ވަނަ އެވެ. އެއީ ހަތަރު ޕޮއިންޓާއި އެކުގައެވެ. ޕޯޗްގަލް އަށް ދެވަނަ ބުރުން ޖާގަލިބުނީ ތިން ވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

