ޚަބަރު

ރައީސް ޔާމީން އަނެއްކާވެސް އެޑްމިޓްކޮށްފި، މިއީ 3 ވަނަފަހަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނެއްކާވެސް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފިއެވެ. މިއީ އެމަނިކުފާނު މަނިލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރިފަހުން ހޮސްޕިޓަލަށް ގެނެސް އެޑްމިޓްކުރި 3 ވަނަފަހަރެވެ.  

އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ މިރޭ 8:50 ހާއިރު ކުރީގެ ރައީސް ޔާމީން އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންދާ ކަމަށާއި އެމަނިކުފާނު ގެނެސްފައި ވަނީ މާފުށީ ޖަލުގައި ތިއްބެވި ޑޮކްޓަރުގެ ލަފާގެމަތިން ކަމަށެވެ. ނަމަވެސް ފަރުވާ ދެނީ ކޮންކަމަކަށް ކަމެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.

ރައީސް ޔާމީންގެ ސިއްޙީ ޙާލުކޮޅު ގޯސްވެ އެޑްމިޓް ކޮށްފައިވާއިރު އެހޮސްޕިޓަލުން ފަރުވާ ދެއްވެމަށްފަހު، އެމަނިކުފާނު އަނބުރާ ޖަލަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނުއެވެ. އަދި މީގެކުރިން އެ ހޮސްޕިޓަލަށް ގެންދިޔަ ދެ ފަހަރުވެސް އެޑްމިޓްކޮށްފައިވާއިރު، މާޗް މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދައްކާފައި ވަނީ ހިތުގެ ޑޮކްޓަރަކަށެވެ.

ޖަލަށް ގެންދިއުމުގެ ކުރިން ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވަނީ ސިއްޙީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނުގެ ބުރަކަށީގައި ރިއްސާ ކަމަށް ވިދާޅުވެފައިވާއިރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންވެސް ވަނީ ރައީސް ޔާމީންގެ ސިއްޙީ ޙާލުކޮޅު ރަނގަޅުނޫން ކަމަށާއި އެ މަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް ގޮވާލައްވާފައެވެ.

ކުރީގެ ރައީސް ޔާމީން މާފުށީ ޖަލަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިން މައްސަލައިގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށް އެ މައްސަލައިގެ ހެކި ނައްތާލުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގައި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރު ކުރުމުންނެވެ.

ރައީސްޔާމީން ޖަލުގައި ބަންދުކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ސިލްސިލާ މުޒާހަރާތަކެއް ކުރަންވެސް ވަނީ ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close