ޢިލްމުވެރިންނަށް ފިޔަވަޅު އެޅުމުން ލާދީނީ ފިކުރު ފެތުރުން ފުޅާވުމުގެ ފުރުސަތު ބޮޑު – ޑރ. ޖަމީލް
ޢިލްމުވެރިންނަށް ފިޔަވަޅު އެޅުމުން ލާދީނީ ފިކުރު ފެތުރުން ފުޅާވުމުގެ ފުރުސަތު ބޮޑު ކަމުގައި ރާއްޖޭގެކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު އާއިމެދު ގައުމީ ޔުނިވާސިޓީ އިން އަޅާފައިވާ ފިޔަވަޅަކީ ސިޔާސީ ތަޢައްސުބުން ފުރިގެންވާ ފިޔަވަޅެއްކަމަށް، ވިދާޅުވެ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ގައުމީ ޔުނިވާސިޓީގެ އިސްލާމިކް ފެކަލްޓީގެ އެސިސްޓެންޓް ޕްރޮފެސަރު، ޑރ. އިޔާޒު ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާއި ގުޅިގެން ކަމަށްބުނެ، ޑރ. އިޔާޒު ސަސްޕެންޑް ކޮށްފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށެވެ.
މިކަމާއި ގުޅިގެން ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ ޚިޔާލުތަފާތުވިޔަސް ޑރ.އިޔާޒަކީ އިސްލާމްދީނުގެ ޢިލްމު ފަތުރުއްވަވަން ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ޢިލްމުވެރިއެއް ކަމަށެވެ. އަދި ޤައުމީ ޔުނިވަރސިޓީން އަޅާފައިވާ ފިޔަވަޅަކީ ސިޔާސީ ތަޢައްސުބުން ފުރިގެންވާ ފިޔަވަޅެއްކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
ޑރ. އިޔާޒަށް ފިޔަވަޅު އެޅުމާއި ގުޅިގެން ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ދަނީ އެކަމަށް ފާޑު ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޑރ. އިޔާޒް ވިދާޅުވީ އެބޭފުޅާއާއި ގުޅިގެން މީހަކު ޝަކުވާއެއް ހުށައެޅިނަމަވެސް އެބޭފުޅާއަކީ އެމްއެންޔޫގެ މެނޭޖްމަންޓްގައި މަސައްކަތް ކުރާ މީހެއްނޫންކަމަށާއި އެހެންކަމުން އެ ޝަކުވާ ތަޙްޤީޤު ކުރުމަށް އެބޭފުޅާއަކަށް ނުފޫޒު ނުފޯރުވޭނެކަމަށާއި، ބާރެއްވެސް ނުފޯރުވޭނެކަމަށެވެ. އަދި ކިޔަވައި ދިނުމަށް ހުރަސް ނޭޅިނަމަވެސް މައްސަލަ ތަޙްޤީޤު ކުރެވިދާނެކަމަށާއި އަދި ތަޙްޤީޤު ކުރުމަށްފަހު ފިޔަވަޅެއް އަޅަންޖެހޭނަމަ އެޅުން އެންމެ ރަނގަޅު ކަމުގައި ޑރ. އިޔާޒް ވިދާޅުވިއެވެ.
އެ މައްސަލަ ތަޙްޤީޤު ކުރުމަށް އެބޭފުޅާ ކިޔަވައި ދެއްވާ ކުދިންގެ ކިޔެވުމަށް ހުރަސްއެޅުމަށް އެފަދަ ތަޢުލީމީ މުއައްސަސާއަކުން މަސައްކަތް ކޮށްގެން ނުވާނެކަމުގައި ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.

ކުރިމަތި ވެފައި މިވާ ބަލިން ސަލާމަތްކަން ލިއްބައި ދިނުމައް އަޅާ ފިޔަވަޅު ތައް ފިތުއަށްވާ ގޮތައް ފުރިހަމަ ޑޮކްޓަރީ ސައިންސް ގެ އިލްމު ވެރިން ވާހަކަ ތަކެއް ނުލިޔާނެ